ބ. ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައި، އެރަށުގެ ބަނދަރު ރަސްމީކޮށް ހުޅުވައިފި އެވެ.

ދައުލަތުން 50.9 މިލިއަން ހޭދަކޮށްގެން ހަދާފައިވާ، ތުޅާދޫ ބަނދަރު ރަސްމީކޮށް މިއަދު ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.

ތުޅާދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެއްޓީ 2014 ވަނަ އަހަރުގައެވެ. އެމްޓީސީސީ އާ ހަވާލުކޮށްގެން ހަދާފައިވާ މި ބަނދަރަކީ 1210 ދިގު އަދި 550 ފުޅާ މިނުގެ ބަދަރެކެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުން

ތުޅާދޫގެ ގޮނޑުދޮށް ހިމާޔަަތް ކުރުމުގެ މަޝްރޫއު ނިމުން މިއަދު ފާހަގަކޮށްފައިވާއިރު އެ މަސައްކަތް ފަށްޓާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ވަނީ އެއްކޮށް ނިންމާލާފައެވެ.

މި މަޝްރޫއު ތަކުގެ އިތުރުން ތުޅާދޫގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެރަށުގައި ޒަމާނީ ފެންވަރަކަށް ފެނާއި ނަރުދަމާގެ މަސައްކަތެވެ. އަދި މި މަސައްކަތް އެ ރަށުގައި ހަލުވި މިނެއްގައި ކުރިއަށް ދެއެވެ.

ސަރުކާރުން ޖުމްލަ 75.5 މިލިއަން ރުުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ފަށާފައި ވަނީ 2016 ވަނަ އަހަރުގެ މެއި މަހުގައެވެ.