ދިމިޝްގު (ޑިސެމްބަރު 27): ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ އިރުމަތީ ގޯތާގައި ތިބި ބައެއް ބަލި މީހުން ދިމިޝްގަށް ބަދަލު ކުރަން ފަށައިފި ކަމަށް ރެޑް ކްރޮސްއިން ބުނެފި އެވެ.

ރެޑް ކްރޮސްއިން ރޭ ކުރި ޓުވީޓެއްގައިވާ ގޮތުން އެޖަމްއިއްޔާގެ މެޑިކަލް ޓީމުން ވަނީ އިރުމަތީ ގޯތާގައި ތިބި ހާލު ދެރަ ބަލި މީހުން ދިމިޝްގުގެ ހޮސްޕިޓަލްތަކަށް ގެންދިޔުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް އެގޮތަށް ބަދަލު ކުރަނީ ކިތައް މީހުން ކަމެއް އެޖަމްއިއްޔާ އަކުން ނުބުނެ އެވެ.

ރެޑް ކްރޮސް އިން އެފަދައިން ބުނެފައި ވަނީ، ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ގެންދަވަނީ އިރުމަތީ ގޯތާގައި ތިބި ކެންސަރު ޖެހިފައިވާ ހަތް ކުޑަކުއްޖަކު އެހެން ސަރަހައްދަކަށް ބަދަލު ކުރުމާ ބެހޭ ގޮތުން ވިސްނަވަމުން ކަމަށް ހަބަރު ފެތުރިފައި ވަނިކޮށެވެ. އެކުދިންގެ އިތުރުން ސިއްހީ ފަރުވާ ބޭނުންވެފައިވާ 130 ކުޑަކުދިން އިރުމަތީ ގޯތާގައި ތިިބި ކަމަށް އދ.އިން ބުނެ އެވެ.

ސީރިއާ ސަރުކާރުން އިރުމަތީ ގޯތާ ހިސާރުކޮށްފައި އޮންނަތާ ހަތަރު އަހަރުވެއްޖެ އެވެ. އަދި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ސަރުކާރުން އެސަރަހައްދަށް ދިން ހަމަލާތަކުގެ ސަބަބުން ގިނަ އަަދަދެއްގެ މީހުން މަރުވެ، ކާނާ ހޯދުން ދަތިވެފައިވާ ކަމަށް ރެޑް ކްރޮސްއިން ބުންޏެވެ. (ބީބީސީ)