އިންޑިއާގެ ރައްޔިތުންނަށް ރާއްޖެ އިން ވިސާ ދިނުން ހުއްޓާ ނުލާ ކަމަށާޢި ވިސާ ދިނުން ހުއްޓާލި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިންޑިއާގެ ރައްޔިތުންނަށް ވިސާ ދިނުމުގައި ރާއްޖެއިން ފިއްތުންތައް ކުރިމަތިކުރުވާ ކަމަށާއި ޑިޕެންޑެންޓް ވިސާ އަދި ސްޓޫޑެންޓް ވިސާ ވެސް ދޫ ނުކުރާ ކަމަށް ބުނެ ދެކެވޭ ވާހަކައާ ގުޅިގެން އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް މިއަދު ސަން އަށް ވިދާޅުވީ "އިންޑިއާ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓައެއް ނުލާ، އެއީ ދޮގު ވާހަކައެއް" ކަމަށެވެ.

ޚަލީލް އިތުރަށް ވިދާޅުވީ ވިސާ ދިނުމުގެ ޕޮލިސީ އަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.

"ޑިޕެންޑެންޓް ވިސާ ދިނުމުގައި އެއްވެސް ގައުމެއް ތަފާތު ނުކުރަން'" އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން ކުރަމުންދާާ މަސައްކަތަކާ ގުޅިގެން މީގެ ކުރިން ޕާސްޓްޕޯޓުގައި ޖަހާ ވިސާ ސްޓިކާގެ ބަދަލުގައި މިހާރު ދެނީ ލިޔުމެއް ކަމަށާއި އެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް ވިސާ ސްޓިކާ ޖަހައިދޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖެ އަންނަ އިންޑިއާ މީހުންނަށް ވިސާ ދިނުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވާހަކަ ދެކެވިފައިވާ އިރު އިންޑިއާ އަށް ދާ ދިވެހިންނަށް ވިސާ ދިނުމުގައި އެގައުމުން ފިއްތުންތައް ގެންގުޅޭ ކަމަށް ވެސް ވާހަކަ ދެކެވިފައިވެ އެވެ. އިންޑިއާގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ވިސާގެ މުއްދަތު އިތުރުކުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ޝަކުވާ އެމްބަސީ އަށް ވެސް ހުށަހަޅާފައިވާ ކަމަށް އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު މިދިޔަ ހަފްތާ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ސަފީރު އޭރު ވިދާޅުއިންޑިއާ އިން ދިވެހިންނަށް ވިސާ ދިނުމަށް ގެންގުޅޭ ޕޮލިސީ އަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެގައުމުގެ ރަސްމީ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވެސް ބުނީ، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއާ ގުޅުމުން ވެސް ވިސާގެ ޕޮލިސީއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ބުނި ކަމަށެވެ.