28 Dec 2017, 09:34
އެމެރިކާ އިން އަދިވެސް ދަނީ ހައްދު ފަހަނަ އަޅާފައިވާ ގްރޫޕްތަކަށް އެހީވަމުން ކަމަށް އިރާނުގެ ރޫހީ ލީޑަރު ސައްޔިދު އަލީ ޚާމަނާއީ ވިދާލުވެއްޖެ އެވެ.
"އެމެރިކާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ކޮރަޕްޓް އަދި އެނިޔާވެރި ގައުމު. އަހަރެމެންގެ އެންމެ ބޮޑު ދުޝްމަނަކީ ވެސް އެމެރިކާ. އެމެރިކާ އިން އައިސިސް އަށް ވެދެވެން ހުރި ހުރިހާ ގޮތަކުން އެހީވި. އެމެރިކާ އިން މިހާރު ވެސް ދަނީ ހައްދު ފަހަނަ އަޅައިފައިވާ ގްރޫޕްތަކާއި އައިއެސް އަށް އެހީވަމުން،" ޚާމަނާއީ ވިދާޅުވި އެވެ.
ޚާމަނާއީ އިތުރަށް ވިދާޅުވީ އެމެރިކާ އިން ދަނީ މެދުއިރުމަތީގައި ހުދުމުޙުތާރު ސަރުކާރުތަކަށް ދެމިއޮތުމަށް ވާގިވެރިވަމުން ކަމަށެވެ. އެގޮތުން ސައުދީގެ ސަރުކާރުން ދަނީ ޔަމަނުގެ ރައްޔިތުންނަށް އެތަކެއް އަނިޔާއެއް ދެމުންކަމަށް ޚާމަނާއީ ވިދާޅުވި އެވެ.
ޚާމަނާއީ ވިދާޅުވީ އެމެރިކާގެ ފުލުހުން ދަނީ އެ ގައުމުގެ ކަޅު ނަސްލުގެ މީހުން މަރަމުން ކަމަށާއި އަދި ކޯޓުތަކުން އެމީހުންނަށް އިންސާފު ވެސް ނުލިބޭ ކަމަށެވެ. ނަމަވެސް އެމެރިކާ އިން ދަނީ އެހެނިހެން ގައުމުތަކުގެ ޖުޑީޝިއަރީއަށް ފާޑުކިޔަމުން ކަމަށް ޚާމަނާއީ ވިދާޅުވި އެވެ.
އިރާނުގެ މުހިންމު ވުޒާރާތަކަށް އެމެރިކާ އިން ނުފޫޒު ފޯރުވަމުންދާ ކަމަށާއި އަދި އެފަދަ ކަންތައްތަކަށް ސަމާލުވުމަށް ވެސް ޙާމަނާއީ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.