މައިންބަފައިންނަކީ އަޅުގަނޑުމެންނަށް ހުރި ނިއުމަތެކެވެ. ﷲ ސުބްހާނަހޫ ވަތައާލާ އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދީފައިވާ ވަރަށްވެސް އަގުހުރި ނިއުމަތެކެވެ. އެންމެ ތުއްތު އިރުން ފެށިގެންވެސް މިއަދާ ހަމައަށްވެސް އެތަކެއް ގުރުބާނީތަކެއް ވަމުން އައިސް ދަރިން ބަލައި ބޮޑު ކުރަނީ ވަރަށްވެސް ފޮނި އުންމީދުގައެވެ. ރޭގަނޑު ނުނިދާ ހޭލާހުރެގެން ތުއްތު ދަރިފުޅު ގާތު ހޭހަންކޮށްދޭ އިރު މައިންބަފައިން ބަލަން ޖެހޭ ދުވަހު މައިންބަފައިން ބެލުމަކީ އަޅުގަނޑުމެން ހުރިހާ ދަރިންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ.

ތ. ތިމަރަފުށީ ދިލްވާރުގޭ އުމުރުން 59 އަހަރުގެ އަބްދުލް މަޖީދު މާހިރަކީ ފުއްޕާމޭގެ ކެންސަރު ޖެހި އެންމެފަހު ސްޓޭޖްގައިވާ މީހެކެވެ. ފުއްޕާމޭގައި ނުރައްކާތެރި ޓިއުމަރެއް އުފެދުނުކަން މިދިޔަ ރޯދަ މަހު އެނގުނު ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާގެ ދޮށީ ދަރިފުޅު އާމިނަތު ނަސްވާ އެދަނީ ބައްޕަގެ ބައްޔަށް ފަރުވާ ހޯދުމަށް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ ބައްޔަށް ފަރުވާ ކުރުމަށްޓަކައި އެހީ އަކަށް އެދި އާދޭސް ކުރަމުންނެވެ.

ބައްޕަގެ ބަލި ހާލަތާ ގުޅޭ ގޮތުން "ސަން ކުލުނާ" ވާހަކަ ދައްކަމުން ނަސްވާ ބުނީ އެ ދުވަހަކީ ވެސް ހަމަ އާދައިގެ ދުވަހެއް ކަމަށާއި އެންމެ ފުރަތަމަ ބައްޕައަށް ވަމުންދާގޮތް ދެނަގަންނަން އުނދަގޫވި ކަމަށެވެ.

"އެ ދުވަހު ހަމަ ބައްޕަ ވަރަށް ބޮޑަށް ހުން އައި. ދެން އަވަހަށް ތިމަރަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ. ޑޮކްޓަރު ދިނީ ބޭސް. ދެން ބުނީ ތިން ދުވަސްވަންދެން ވާ ގޮތް ބަލާށޭ. ރަނގަޅު ނޫންނަމަ އަނެއްކާވެސް ދައްކާށޭ. ޑޮކްޓަރު އެހެން ބުނެފައި އޮއްވައި ބައްޕަ އެއް ދުވަހު އަނބުރާގަނެގެން ވެއްޓުނީ. ދެން އަނެއްކާވެސް މަރުކަޒަށް ދިޔައީ. ދިޔައީމަ ޑޮކްޓަރު ބަލާފަ ބުނީ ފުއްޕާމޭގައި އެއްޗެއް އެބައިނޭ. ފުއްޕާމޭ ރަނގަޅެއް ނޫނޭ. ދެން އެހެން ބުނެފައި ބައްޕަ ފޮނުވާލީ އަތޮޅު ހޮސްޕިޓަލަށް. އަތޮޅު ހޮސްޕިޓަލް އިން ބުނީ 20 ދުވަސްތެރޭ މާލެ ދާށޭ،" ނަސްވާ ކިޔައިދިނެވެ.

ނަސްވާ ބުނީ މާލެ ގޮސް ބައްޕަ ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެ ދުވަހު ބެއްލެވި ޑޮކްޓަރު ބުނީ ޓެސްޓް ތަކެއް ހަދަން ޖެހޭ ވާހަކަ ކަމަށާއި އެހެންކަމުން ލަސްނުކޮށް ޑަކްޓަރު ބުނުއްވި ޓެސްޓްތައް ހެއްދީ ކަމަށް އޭނާ ބުންޏެވެ.

"ޑޮކްޓަރު ހައްދަން ދިން ޓެސްޓްތައް ހައްދާފައި ދެން ބައޮޕްސީ ހެއްދީ. ޑޮކްޓަރު ބުނީ ފުއްޕާމޭ އަށް ހުރީ ކެންސަރު ޖެހިފައިވާ ކަމަށް. އަދި ފުއްޕާމޭގައި ޓިއުމަރެއް ވެސް އިން ވާހަކަ ޑޮކްޓަރު ބުނި. ޑޮކްޓަރު ދިނީ އަހަރެން ދުވަހަކުވެސް ހިތަށް ވެސް ނުގެންނަ ހަބަރެއް. ހިތަށް އަރުވަން ވިސްނާފައި އިން ހަބަރެއްވެސް ނޫން. އަސްލު ޑޮކްޓަރު ފުރަތަމަ އެހެން ބުނީމަ ގަބޫލެއްވެސް ނުކުރެވުނު. އެ ވަގުތުކޮޅު ނޭނގޭ ވީގޮތެއްވެސް. ވަރަށް ހިތްދަތިވި ވަގުތުކޮޅެއް އެއީ. އެވަގުތުކޮޅު ޑޮކްޓަރު ވަރަށް ނަސޭހަތްތެރިވި ކެއްތެރިވުމަށް،" ނަސްވާ ބުންޏެވެ.

އޭނާ ބުނީ ބައްޕަ އަކީ އަބަދުވެސް ވަރަށް ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ކަމަށެވެ.

"ބައްޕަ ވަރަށް ގިނައިން ސިގިރޭޓް ބޯނެ. ފުއްޕާމޭގައި ޓިއުމަރު އުފެދިފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކަމަށް ޑޮކްޓަރު ބުނީ. އަޅުގަނޑު ވަރަށް ކުޑައިރުން ފެށިގެންވެސް ބައްޕަ ދުންފަތުގެ އިސްތިއުމާލު ކުރާނެ. އަބަދުވެސް ބައްޕަ ގާތު ބުނަން ސިނގިރޭޓް ނުބޯށޭ. ހިތް ހަމަ ނުޖެހޭ ތިކަން ކުރީމަ،" ގިސްލަމުން ނަސްވާ ބުންޏެވެ.

އަލީ މަޖީދުގެ ހަ ކުދިން ތިބެއެވެ. އެ އެންމެންވެސް އުޅެނީ އެ މީހުންވެސް އުޅެނީ ވަރަށް އަތްމަތި ދަތިކޮށްކަމަށް ކަމަށާއިއެހެންނަމަވެސް ލިބޭ ވަރަކުން ބައްޕަ އަށް ޚަރަދު ކުރާ ކަމަށް ނަސްވާ ބުންޏެވެ.

އެ ފަހަރު ޑޮކްޓަރު އެހެން ބުނުމުން އަތުގައި ފައިސާ ނެތުމުން ފަރުވާ ނުކޮށް ދިޔައީ އޭނާ ދިރިއުޅޭ ރަށް ކަމަށްވާ ލ. ފޮނަދު އަށް ކަމަށް ނަސްވާ ބުންޏެވެ.

"ބައްޕަ ބަލަމުން އަޅުގަނޑު އެހީ ހޯދަން މުޅި ރަށުތެރޭ ދުވީ. ﷲ ދެނެވޮޑިގެންވާނީ އަޅުގަނޑު އުޅުނު ހާލު. އެކި މީހުން ކައިރިއަށް އެހީ ހޯދަން އަޅުގަނޑު ދުވިން. ރޮއެ ހޭރެމުން. އަޅާ ވޭނަކަށް ނުބަލަން. އޭރު ރަށުން އެހީ ހޯދަން އުޅުމުގެ ތެރޭގައި ލިބުނު 21000 ރުފިޔާ. އެ ރުފިޔާކޮޅު ހިފައިގެން އަނެއްކާވެސް މާލެ އައިސް އޭޑީކޭގައި ހުރި ކެންސަރަށް ޚާއްސަ ޑޮކްޓަރަކަށް ދެއްކިން. ދެން ޓެސްޓްތައް ހެއްދީ. ބައޮޕްސީ ހެއްދިން. އެމްއާރްއައި ހެއްދިން. އެކްސްރޭ އާއި ސީޓީ ސްކޭން ވެސް ހެއްދިން. އެ ފައިސާކޮޅު އަތުން އެއްކޮށް ހުސްވީ އެކަމުގެ ތެރެއިން. އެޑްމިޓް ކުރުމުންވެސް ޚަރަދު ދިޔަ ފުދޭ ވަރަކަށް،" އޭނާ ބުންޏެވެ.

ނަސްވާ ބުނީ ބައްޕަ އަށް އެ ފަހަރު ކީމޯ ދިން ކަމަށާއި ހުޅުމާލޭ ހޮސްޕިޓަލުން ވެސް އާސަންދަ ލިބޭ ކަމަށެވެ. ނަމަވެސް އާސަންދައިން ގިނަ ބޭސްތައް ކަވަރު ނުކޮށްދެއެވެ. އެފަދަ އެ ބޭސްތަކުގެ އަގު ވަރަށް ބޮޑު ކަމަށް ނަސްވާ ބުންޏެވެ. އެ ފަހަރު އަތްމަތި ދަތިވުމުން އަނެއްކާވެސް އުފަށް ވަޒަން ކަމަށްވާ ފޮނަދު އަށް ދިރިއުޅުން ބަދަލުކޮށްލީއެވެ.

ބައްޕަ މިހާރުވީ އިންޑިއާގައި ކަމަށާއި އިންޑިއާ އަށް ބައްޕަ ގެންދިޔައީ އެހީގެ ގޮތުގައި ލިބުނު 73000 ރުފިޔާ ކަމަށް ނަސްވާ ބުންޏެވެ.

"އަޅުގަނޑާ ބައްޕަ އާއި އަޅުގަނޑުގެ އެހެން ދަރިއަކާ އިންޑިއާ އަށް ދިޔައީ. ރީޖަނަލް ކެންސަރ ސެންޓަރުގައި ބައްޕައަށް މިހާރު ފަރުވާ ގެންދަމުން މި ދަނީ. ޑރ. ރޯޝަނީ ކިޔާ ބޭފުޅެއް ބައްޕަ އަށް ފަރުވާ ދެމުން އެ ދަނީ. ކޮންމެ ހަ ދުވަހުން އެއް ދުވަހު ކީމޯ ވެސް ރޭޑިއޭޝަން އެބަ ދެން. ޑރ. ބުނުއްވި ކީމޯ ދީފައި ރޭޑިއޭޝަން ވެސް ދީފައި އޭ އެނގޭނީ އޮޕަރޭޝަން ކުރެވެންޏާ،" އޭނާ ބުންޏެވެ.

ނަސްވާ ބުނީ ރޭޑިއޭޝަންގެ ބައިތައް އާސައިންދަ އިން ކަވަރު ކުރިނަމަވެސް ބައްޕަ އަށް ދޭ ގިނަ ބޭސްތައް އާސައިންދައިން ކަވަރު ނުކުރާ ކަމަށާއި އަނެއްކޮޅުން އިންޑިއާ ކޮޅުގައި ހުރުމަށް ވެސް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ.

"އެހީގެ ގޮތުގައި ލިބުނު 73000 ރުފިޔާ ތަކުގެ ތެރެއިން މިހާރު ބާކީ އޮތީ އެންމެ 4000 ރުފިޔާ. ހައްގު ތެދެއް މިބުނީ. މިހާރުވެސް އަތްމަތި ދަތިވެގެން ބައްޕަ އާއި އަޅުގަނޑުގެ ދަރިފުޅު އެކޮޅުގައި ބަހައްޓާފައި އަޅުގަނޑު މިއައީ ބައްޕަ އަށް އެހީ ހޯދަން. އަޅުގަނޑު ބޭނުން ބައްޕަގެ ފުރާނަ ސަލާމަތްކުރަށް. އެއްކޮށް ރަނގަޅު ކުރަން،" ނަސްވާ ބުންޏެވެ.

އޭނާ ބުނީ އާސައިންދައިން ކަވަރުކުރި ނަމަވެސް ކޮންމެ މަހަކަށް މުޅިއަކު 425 ޑޮލަރުވަރު ހޭދަވާކަމަށެވެ.

މިހާރު ނަސްވާގެ އާއިލާއިން ވިސްނަނީ އަތްމަތި ދަތިވުމުން ބޭސްފަރުވާ މެދުކަނޑާލުމަށްފަހު ބައްޕަ އަނބުރާ މާލެ ގެނައުމަށެވެ.

"ވީހާވެސް ގިނަ ބޭފުޅުންގެ އެހީތެރިކަމަށް މިއަދު އަޅުގަނޑު ބޭނުން. ބައްޕަ ސަލާމަތްކުރުމަށް މި ދަރިފުޅުގެ އާދޭސް އަޑުއައްސަވާ. ބައްޕަ ސަލާމަތް ކުރުމަށް އަޅުގަނޑު ނުދާ މިސްރާބެއް ނެތް. މިއީ ދަރިއަކު ބައްޕަ އަށްޓަކައި ކުރާ ވޭނީ އާދޭހެއް. ހިތުގެ ކެކުޅުންތަކެއް. ވަމުންދާ ބޮޑު ގުރުބާނީ އެއް. ފިރިމީހާ އާ ދަރިންކޮޅު ރަށުގައި ބައި ތިއްބާފައި މިއުޅެނީ. އަޅުގަނޑުގެ އަޑު އައްސަވާ،" ނަސްވާ ބުންޏެވެ.

ނަސްވާ އެދެނީ އޭނާގެ ބައްޕަ އަށް ކުޑަ ނަމަވެސް އެހީ އެއްވެ ދިނުމަށެވެ. އޭނާގެ ހުރިހާ ވެސް އުންމީދަކީ ތިޔަ ލޮބުވެރި ރައްޔިތުންނެވެ.

އަބްދުލް މަޖީދު މާހިރަށް އެހީތެރިވުމަށް

ނަމްބަރު: 9968215 (އައިމިނަތު ނަސްވާ/ ދަރިފުޅު)

ބީއެމްއެލް އެކައުންޓް ނަމްބަރު: 7730000133664(އައިމިނަތު ނަސްވާގެ ދޮށީ ދަރި އަލީ ފަރުހާންގެ އެކައުންޓް ނަންބަރު)

ނޯޓް:ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.