29 Dec 2017, 00:49
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.
އަލްޖަޒީރާ އިން ރިޕޯޓުކުރާ ގޮތުގައި، އެ ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ކާބުލްގައި ހުންނަ ޝީޢީންގެ ސަގާފީ މަރުކަޒަކާއި މަދަރުސާއެއް ހުންނަ ސަރަހައްދެއްގައެވެ. އެސަރަހައްދުގައި އަފްޣާނިސްތާނުގެ ނިއުސް އޭޖެންސީއެއްވެސް ހުރެއެވެ.
އެވަގުތު ޝީޢީންގެ މަރުކަޒަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ ތިއްބެއެވެ. އެމީހުން ދިޔައީ ސޯވިއެޓް ޔޫނިއަނުން އަފްޣާނިސްތާނަށް އެރި ހާދިސާއަށް 38 ފުރުން ފާހަގަކުރަމުންނެވެ. މި ހާދިސާގައި މަރުވި ގިނަ މީހުންނަކީ ޝީޢީ މަރުކަޒަށް ޒިޔާރަތްކުރަމުން ދިޔަ މީހުންނެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ނަގާފައިވެއެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، ޝީޢީންގެ މަރުކަޒު ކައިރީގައި މީހަކު ޖާނުންފިދާވެގެން އެއްޗެއް ގޮއްވާލި އިރު، ހަމަލާގައި ޒަޚަމްވި ގިނަ ބަޔަކު ހޮސްޕިޓަލުތަކަށް ވަގުތުން ގެންދިޔައެވެ.
އަފްޣާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވީ، މި ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށެވެ.
"ޓެރަރިސްޓުން އަޅުގަނޑުމެންގެ މިސްކިތްތަކާއި މުގައްދަސް ތަންތަނަށް ހަމަލާ ދީފި. މިހާރު އަޅުގަނޑުމެންގެ ސަގާފީ މަރުކަޒުތަކަށްވެސް ހަމަލާދޭން ފަށައިފި،" ރައީސް ޣަނީ ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ ޝީޢީންނަކީ މީސްކޮޅު މަދު ބައެކެވެ. އަފްގާނުގައި ޝީޢީންނާ ދެކޮޅަށް ދާދި ފަހުން ވަނީ ހަމަލާތައް އިތުރުވެފައެވެ.