ބޮލީވުޑްގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ސުނީދީ ޗޯހާން އަށް ފިިރިހެން ކުއްޖަކު ލިބިއްޖެއެވެ.

ސުނީދީގެ ޑޮކްޓަރު ނެރުއްވި ކުރު ސްޓޭޓްމެންޓެއްގައި ބުނީ މަންމަ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށެވެ. ސުނީދީ ވިހެއީ ޖެނުއަރީ އެއްވަނަ ދުވަހުގެ ހަވީރު 5:20 ހާއިރު ކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ސުނީދީގެ ފިރިމީހާ އަކީ މަޝްހޫރު މިއުޒިކް ކޮމްޕޯސާ ހިތޭޝް ސޯނިކްއެވެ. އެދެމީހުން ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.

ސުނީދީގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭ އާޖަ ނަޗްލޭ، ޝީލާކީ ޖަވާނީ، ކްރޭޒީ ކިޔާރޭ ފަދަ ލަވަތައް ހިމެނެއެވެ. އޭނާގެ އަޑުން ކިޔާފައި ލަވަތަކަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު ލަވަތަކެކެވެ. އޭނާ ވަނީ އެކިފަހަރު މަތިން އެންމެ މޮޅު ޕްލޭ ބެކް ސިންގާގެ އެވޯޑް ހޯދައިފައެވެ.