ރާމަﷲ (ޖަނަވަރީ 3) : ނަވާރަސަތޭކަ ފަސްދޮޅަށް ހަތް ވަނަ އަހަރުގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދްސުގެ މުސްތަގްބަލާ ގުޅޭ ގޮތުން ފަލަސްތީނާ ވާހަކަ ދެއްކުން އިސްރާއީލުގެ ސަރުކާރަށް މަނާކުރާ ގާނޫނެއް އިސްރާއީލުގެ ޕާލަމެންޓުން ފާސްކުރި މައްސަލާގައި އޮސްލޯ އެއްބަސްވުމުން ވަކިވާނެ ކަމުގެ އިންޒާރު ފަލަސްތީނުން ދީފި އެވެ.

އޮސްލޯ އެއްބަސްވުމަކީ 1993ގައި އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމްކުރި އެއްބަސްވުމެވެ. ފަލަސްތީނުން އިސްރާއީލަކީ ދައުލަތެއްގައި ގޮތުގައި ބަލައިގަނެ އިސްރާއީލަށް އިޢްތިރާފްވީ އޮސްލޯ ސުލްހައިގެ އެއްބަސްވުމުގެ ދަށުންނެވެ. މިއެއްބަސްވުމުން ފަލަސްތީނު ވަކިވާއިރު ފަލަސްތީނުން އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގެންފައިވާ ބަލައިގަތުމުން ވެސް ނިމުމަކަށް އަންނާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސިޔާސީ މުސްތަޝާރު ޑރ. ނަބީލް ޝަޢްތު ވިދާޅުވި އެވެ.

ޝަޢްތު ވިދާޅުވީ އޮސްލޯ އެއްބަސްވުމުން ފަލަސްތީނު ވަކިވުމަށާއި އިސްރާއީލަކީ ދައުލަތެއްކަމަށް ގަބޫލު ކުރުމުގެ ކަންތައް ނިމުމަކަށް ގެނައުމަށް ފަލަސްތީނުގެ ޕާލަމެންޓަށް ހުށަހެޅުމަށް ފަލަސްތީނުގެ ސަރުކާރުން ތައްޔާރުވަމުންދާ ކަމުގައެވެ. މިކަމަށްޓަކައި ފަލަސްތީނުގެ ޕާލަމެންޓްގެ ޚާއްސަ ޖަލްސާއެއް މިޖަނަވަރީ މަހުގެ މެދެއްހާ ހިސާބު ބޭއްވުމަށް މަސައްކަތް ކުރާކަމަށް ވެސް ނަބީލްޝަޢްތު ވިދާޅުވި އެވެ.

އިސްރާއީލުގެ ޕާލަމެންޓުން އަންގާރަ ދުވަހު ފާސްކުރި ގާނޫނުގައި ވަނީ ގުދްސުގެ އިރުމަތީ ބަޔަކީ އިސްރާއީލުގެ ތަނެއްކަމަށާ ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ ވާހަކަތަކުގައި ގުދްސުގެ އެއްވެސް ބަޔަކާބެހޭ ގޮތުން ވާހަކަ ދެއްކުމަކީ އިސްރާއީލުގެ ސަރުކާރަށް މަނާކަމެއްކަމުގަ އެވެ. މިކަން ބަދަލުކުރެވޭނީ އިސްރާއީލުގެ ޕާލަމެންޓްގައި ހިމެނޭ ސަތޭކަ ވިހި މެންބަރުންގެ ތެރެއިން މަދުވެގެން އަށްޑިހަ މެންބަރުންގެ ރުހުން ލިބިގެންކަމަށް ވެސް މިގާނޫނު ބުނެ އެވެ. މިއީ މުސްތަހީލް ކަމެކެވެ.

މީގެއިތުރުން އިސްރާއީލުގެ ޕާލަމެންޓުންވަނީ އިސްރާއީލު ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުމަށް ޣައިރު ގާނޫނީގޮތުން އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކަކީ ވެސް އިސްރާއީލުގެ ބިންތަކެއްކަމަށް ހެދުމުގެ ގާނޫނެއް ވެސް ފާސްކޮށްފަ އެވެ.

ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަނެ ފަލަސްތީނުގެ ބިންތައް ފޭރިގަތުމުގެ މިހަރުކަށި ނިންމުންތައް ނިންމުގެ ހިއްވަރު އިސްރާއީލަށް ލިބިގެން ދިޔައީ ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް 1984 ވަނަ އަހަރު އިސްރާއީލުގެ ސަރުކާރުން ނިންމި ބާތިލް ނިންމުމަށް އެމެރިކާ އިއްތިރާފް ވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާގުޅިގެންނެވެ. މީގެ އިތުރުން ޓްރަމްޕްވަނީ ޓެލްއަވީވްގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމަށް ވެސް ނިންމަވާފައެވެ. (އަލްޖަޒީރާ)