03 Jan 2018, 12:46
ދިއްލީ (ޖެނުއަރީ 3): އިންޑިއާގެ އިރުމަތީގައި އޮންނަ ޖާކަންދު ސްޓޭޓުގައި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން އަޑު ގަދަކޮށް ލަވަ ޖަހަމުން ދިޔަ ބަޔަކު، އެކަން ހުއްޓާލަން ބުނި މުސްލިމަކަށް ހަމަލާދީ މަރާލައިފި އެވެ.
އިންޑިއާގެ ފުލުހަކާ ހަވާލާދީ ބީބީސީގައިވާ ގޮތުން ބަޔަކު އަޑު ގަދަކޮށް ލަވަ ޖަހަން ތިއްބާ އުމުރުން 19 އަހަރުގެ ވަސީމް އަންސާރީ އާއި އޭނާގެ ދެ އެކުވެރިން ވަނީ ލަވަ ޖެހުން ހުއްޓާލުމަށް އެދިފަ އެވެ. އޭގެ ސަބަބުން ދެ ފަރާތުގެ މެދުގައި ޒުވާބެއް ފެށި އެމީހުން ވަސީމަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމަށް ފުލުސް މީހާ ބުންޏެވެ.
ވަސީމްގެ އާއިލާ މެމްބަރެއް ކަމަށްވާ ހަސީބުލް އަންސާރީ ބުނި ގޮތުގައި އެމީހުން ލަވަޖަހަމުން ދިޔައީ މުސްލިމުންގެ ގަބުރުސްތާނެއް ކައިރީގަ އެވެ. އަދި ލަވަ ޖެހުން ހުއްޓާލަން ވަސީމް ބުނުމުން އޭނާ މަރާލި ކަމަށާއި އޭނާގެ އެކުވެރިން ސަލާމަތްވީ ކިރިޔާ ކަމަށް ހަސީބުލް އަންސާރީ ބުންޏެވެ.
އެހަމަލާއާ ގުޅިގެން ޖާކަންދުގެ ގިނަ އަދަދެއްގެ މީހުން ވަނީ މަގުތަކަށް ނިކުމެ، ހަމަލާ ދިން މީހުން ހައްޔަރު ކުރުމަށް ގޮވާލާފަ އެވެ.
އިންޑިއާގައި މުސްލިމުންނާ ދެކޮޅަށްދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. (ބީބީސީ)