ރެއާލް މެޑްރިޑްގެ ޓާގެޓް ހެރީ ކޭން ބޭނުންވާނަމަ، ޓޮޓެންހަމް ހޮޓްސްޕާއިން އޭނާ ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯ ބުނެފިއެވެ.

ކޭންއަށް ނިމިގެންދިޔަ އަހަރު ވެގެންދިޔައީ ކާމިޔާބު އަހަރަކަށެވެ. މިދިޔަ އަހަރު 37 ލަނޑު ކާމިޔާބުކޮށް، އޭނާ ވަނީ ޕްރިމިއާ ލީގުގައި އަހަރެއްތެރޭ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ. ކުރިން އެ ރެކޯޑު ދަމަހައްޓަމުންދިޔައީ އިނގިރޭސި ލެޖެންޑް އެލަން ޝިއެރާއެވެ. ބާސެލޯނާ ތަރި ލިއޮނެލް މެސީ ފަހަތަށް ޖައްސާލައި، ނިމިގެންދިޔަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް ކޭންއެވެ.

އެންމެ ފަހުގެ ސްޕެނިޝް ލަލީގާ އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކޭން ހޯދުމަށް ޓޮޓެންހަމްއަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ހަބަރުތައް ބުނަމުންދެއެވެ.

އުމުރުން 24 އަހަރުގެ ކޭން ވިއްކާލަން ޓޮޓެންހަމް އަދި އެ ކްލަބުގެ ކޯޗު ޕޮކެޓީނޯ ބޭނުންނުވި ނަމަވެސް، ކޭން ބޭނުންވެއްޖެނަމަ ޓޮޓެންހަމްއިން ގެރެތު ބޭލް އަދި ލޫކާ މޮޑްރިޗް ރެއާލަށް ވިއްކާލި ގޮތަށް ކޭން ވެސް ވިއްކާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކްލަބުގެ ކޯޗު ބުނެއެވެ.

"ރެއާލުން ކޭން ހޯދަން ބިޑްކޮށްފިނަމަ، އަހަރެމެން އެކަމަށް ބުނާނީ ނޫނެކޭ. ކޭންއަށް ވެސް އެކަން އެނގޭނެ. މޮޑްރިޗް އަދި ބޭލްއެކޭ އެއްގޮތަށް ކޭން ވެސް ކްލަބު ދޫކޮށް ދާން އެދިއްޖެނަމަ، ދެން ޖެހޭނީ ވާގޮތެއް ބަލަން. އެކަމަކު އަދި އެކަހަލަ ކަމެއް ނުހިނގާ. އަހަރެން އުންމީދުކުރަނީ އަހަރެމެންނާއެކު ކޭން ދިގު މުއްދަތެއް ހޭދަކުރާނެ ކަމަށް. އަދި އަހަރެންމެންނަށް އޭނާ ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްދީ ތަށްޓެއް ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދުކުރަން،" ޕޮކެޓީނޯ ބުންޏެވެ.

މިސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް ކޭންއެވެ. އޭނާ ވަނީ މިސީޒަނުގައި 18 ލަނޑު ކާމިޔާބުކޮށްފައެވެ.