ޗެލްސީ އަދި އިނގިރޭސި ވިލާތުގެ ލެޖެންޑު އެޝްލީ ކޯލް އޭނާގެ އެލްއޭ ގެލެކްސީ ކޮންޓުރެކްޓް އިތުރު އަހަރަކަށް އައުކޮށްފި އެވެ.

އުމުރުން 37 އަހަރުގެ ޑިފެންޑަރު އެޝްލީ ކޯލް، އެމެރިކާ ލީގުގެ ގެލެކްސީއާ ގުޅިފައި ވަނީ 2016 ވަނަ އަހަރު އިޓަލީގެ ރޯމާއަށް ކުޅުމަށް ފަހު އެވެ. ގެލެކްސީއަށް އޭނާ ވަނީ މިހާތަނަށް 55 މެޗު ކުޅެދީފަ އެވެ.

އެޝްލީ ކޯލް އެލްއޭ ގެލެކްސީގެ ކޮންޓުރެކްޓް އައުކުރުމާ އެކު އެޓީމުގެ ކޯޗު، ސީގީ ޝުމިޑް ބުނެފައި ވަނީ އެޝްލީ ކޯލްއަކީ ލީޑަރެއް ކަމަށެވެ. މީގެ އިތުރުން ވެސް އެޝްލީ ކޯލްއަކީ ގިނަ ތަޖުރިބާތަކެއް ހުރި ކުޅުންތެރިއެއް ކަމަށާއި އެމެރިކާ ލީގުގައި ވެސް އޭނާ އަށް ކާމިޔާބުތަކެއް ހޯދޭނެކަން ދައްކައިފި ކަމަށް ވެސް ކޯޗު ޝުމިޑް ބުންޏެވެ.

އެޝްލީ ކޯލް ވަނީ އޭނާގެ ކެރިއާގެ ރަން ދުވަސްވަރުގައި ޗެލްސީ އަދި އާސެނަލް ފަދަ ކުލަބުތަކަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އާސެނަލްގެ "އިންވިންސިބަލްސް" ޓީމުގައި ހިމެނުނު އެޝްލީ ކޯލް ވަނީ ޗެލްސީއާ އެކު ވެސް ލީގު އުފުލާލައިފަ އެވެ. އިނގިރޭސި ކަޕު ގިނަ ފަހަރެއްގެ މަތިން އުފުލާލުމުގެ އިތުރުން އެޝްލީ ކޯލްއަކީ ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައިވާ ކުޅުންތެރި އެކެވެ.

އެޝްލީ ކޯލް ވަނީ އިނގިރޭސި ގައުމީ ޓީމަށް 107 މެޗު ކުޅެދީފަ އެވެ. އޭނާ ގައުމީ ޓީމުން 2014 ވަނަ އަހަރު ރިޓަޔާވީ އެ އަހަރުގެ ވޯލްޑް ކަޕުގެ ސުކޮޑުގައި ނުހިމެނުމުންނެވެ.

މޭޖާ ލީގު ސޮކާ (އެމެރިކާގެ ލީގު) އަކީ މިހާރު ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކެރިއާގެ ފަހު ދުވަސްކޮޅު ހޭދަކޮށްލާ ލީގެކެވެ. އެގޮތުން ބެކަމް، ޖެރާޑްގެ އިތުރުން ލަމްޕާޑު އަދި ބުރެޒިލްގެ ކަކާ ވެސް ކެރިއާ ނިންމާލީ މޭޖާ ލީގު ސޮކާގަ އެވެ.