06 Jan 2018, 09:44
ޖަޕާންގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓަރޯ ކޯނޯއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޖަޕާންގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.
ޖަޕާންގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ޖަޕާނާ ދެމެދުގެ އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފައި މިވަނީ ރާއްޖެ އާއި ޖަޕާނާ ދެމެދުގެ އޮތް ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި ދަތުރުފުޅަކީ ޖަޕާނުގެ ފޮރިން މިނިސްޓަރަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.