06 Jan 2018, 22:59
ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު، ފިލިޕް ކުޓީނިއޯގެ ޓްރާންސްފާ ފީއަށް ބާސެލޯނާއާއި ލިވަޕޫލް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ޑެއިލީ މެއިލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުޓީނިއޯ ލިވަޕޫލްއަށް ބަދަލުވާނީ 145 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއެއްގައެވެ. މި އަގާއެކު ކުޓީނިއޯ ވެގެންދާނީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ކުޅުންތެރިއަކީ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާއެވެ. އޭނާގެ ޓްރާންސްފާ ފީއަކީ 263 މިލިއަން ޕައުންޑެވެ.
ލިވަޕޫލް ދޫކޮށް ދިއުމަށް ވޭތުވެދިޔަ ހޫނު މޫސުމުގައިވެސް އެދުނު ކުޓީނިއޯ މިސީޒަންގެ ފުރަތަމަ ބުރުގައި ލިވަޕޫލްގައި މަޑުކުރަން ޖެހުނީ އެޓީމުގެ ކޯޗު ޔާގަން ކުލޮޮޕް އޭނާ ދޫކޮށްލަން ބޭނުން ނުވުމުންނެވެ. މިި ޓްރާންސްފާ ސީޒަންގައިވެސް ކުޓީނިއޯ ނުވިއްކާނެ ކަމަށް އެތައް ފަހަރެއްގެ މަތިން ކުލޮޕް ވަނީ ބުނެފައެވެ.
ލިވަޕޫލްއިން ބާސާއިން ހުށަހެޅި ހުށަހެޅުން ބަލައިގަނެފައިވާ އިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިރޭ ނޫނީ މާދަމާ ބާސާއިން ރަސްމީކޮށް ކުޓީނިއޯ އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާނެއެވެ. އަދި ޓްރާންސްފާ ފުރިހަމަކުރުމަށް މިހާރު ކުޓީނިއޯ ސުޕެއިންއަށް ދަތުރު ފަށާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ބްރެޒިލް ގައުމީ ޓީމުގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ ކުޓީނިއޯ ލިވަޕޫލްއަށް ބަދަލުވީ 2013 ވަނަ އަހަރު 8.5 މިލިއަން ޕައުންޑުގެ ޓްރާންސްފާ އެއްގައެވެ. އޭނާ ވަނީ ލިވަޕޫލްއަށް ކުޅުނު 152 މެޗުން 42 ގޯލް ޖަހައިދީފައެވެ.