07 Jan 2018, 14:48
ބެއިޖިންގް (07 ޖެނުއަރީ): ޗައިނާއިން ޕާކިސްތާނުގައި ކަނޑުގެ އަސްކަރީ މަރުކަޒެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ޗައިނާގެ ނޫހަކުން ބުނެފިއެވެ.
ޗައިނާގެ ނޫހެއް ކަމަށްވާ ސައުތު ޗައިނާ މޯނިންގް ޕޯސްޓުން ބުނީ ޗައިނާއިން ޕާކިސްތާނުގައި ކަނޑުގެ އަސްކަރީ މަރުކަޒެއް އަޅަނީ ޕާކިސްތާނުގެ ބަލޫޗިސްތާނުގެ ގުވަދާ ޕްރޮވިންސްގެ ގުވަދާގައި ކަމަށެވެ. އެ ނޫހުން ބުނީ ވިޔަފާރީގެ ސަރަހައްދެެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ އެ ސަރަހައްދުގައި އަސްކަރީ އުޅަނދުތަކަށް ހިދުމަތްތައް ދިނުމަށް ދަތިވާ ކަމަށެވެ.
ޗައިނާގެ މިލަޓަރީ މާހިރެއް ކަމަށްވާ ޒޫ ޗެންމިންގް އިން ބުނީ އެގައުމުގެ އަސްކަރީ އުޅަނދުތަކަަށް ހިދުމަތް ދިނުމުގެ ގަވާއިދުގައިވާ ގޮތުން ކޮންމެހެންވެސް ކަނޑުގެ އަސްކަރީ މަރުކަޒެއް އަޅަން ޖެހޭ ކަމަށެވެ.
ޗައިނާއާއި ޕާކިސްތާނުގެ ގުުޅުން ފަހަކަށް އައިސް ވަރަށް ބޮޑަށް ރަނގަޅުވެގެންދިޔަ ނަމަވެސް، އެމެރިކާއާއި ޕާކިސްތާނާ މިއިން ޒަމާނަކުވެސް ގުޅުން ގޯސް ނުވާހާ ވަރަށް މިހާރު ވަނީ ގުޅުން ގޯސްވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއަހަރާއެކު ޕާކިސްތާނާ ދިމާކޮށްލައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕާކިސްތާނުން ދަނީ ޓެރެރިސްޓުންނަށް އެއްބާރުލުން ދެމުން ކަމަށާއި އެމެރިކާއިން 33 ބިލިއަން ޑޮލަރު ފާއިތުވި 15 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ދިން ކަމުގައި ވިޔަސް ބަދަލުގައި ޕާކިސްތާނުން ދިނީ ހަމައެކަނި ކެހި ކަމަށެެވެ.
އެމެރިކާއިން ވަނީ ޕާކިސްތާނަށް ދޭން ހަމަޖެހިފައިއޮތް 900 މިލިއަން ޑޮލަރުވެސް ހިފަހައްޓައިފައެވެ.
ތާލިބާނުންނާ ގުޅިފައިވާ ހައްގާނީ ނެޓްވާކަށް ޕާކިސްތާނުން އެހީތެރިވާ ކަމަށް އެމެރިކާއިން އަބަދުވެސް ތުހުމަތު ކުރެއެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެމެރިކާގެ އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފައެވެ.
މަސްދަރު : ޕްރެސްޓީވީ