07 Jan 2018, 16:14
ފަންސާސް ތިންވަނަ ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ފައިނަލް މެޗު އެއްވަރުވުމާ ގުޅިގެން، އެ މުބާރާތުގެ ޗެމްޕިިއަންކަން ސީބީއެލް ސްޕޯޓްސް އަދި މާލޭ ސްޕޯޓްސް ކުލަބަށް ދީފިއެވެ.
ކުޅިވަރު އެކުވެނީގެ ބޭރުވެށީގައި މުބާރާތުގެ ފައިނަލް މެޗު ކުޅުނީ ތިން ދުވަހަށް ބަހާލައިގެންނެވެ. މުބާރާތުގެ ފައިނަލް މެޗުގެ ފަހު ދުވަހުގެ ކުޅުން އިއްޔެ ހަވީރު ނިމިގެންދިޔަ އިރު، ކޮންމެ ޓީމަކުންވެސް ވަނީ ދެ އިނިންގްސް ފުރިހަމަކޮށްފައެވެ. ފައިނަލުގައި ދެ ޓީމު އެއްވަރުވީ ހެދި ލަނޑާއި ނެގި ވިކެޓުވެސް އެއްވަރު ވެގެންނެވެ.
ފައިނަލް މެޗުގެ ޓޮސް ދިމާވީ ސީބީއެލް އަށެވެ. ސީބީއެލްއިން ގަސްދުކުރީ ކުޅޭށެވެ. ފުރަތަމަ އިނިންގްސްގައި ކުޅެން އަރައި ސީބީއެލްއަށް 10 ވިކެޓުން ހެދުނީ 152 ލަނޑެވެ.
ބަދަލުގައި މާލޭ ސްޕޯޓްސްއިން ކުޅެން އަރައި ވަރުގަދަ ކުޅުމެއް ދެއްކިއެވެ. އެގޮތުން މާލޭ ސްޕޯޓްސްގެ މުޙައްމަދު ރިޝްވާން ވަނީ 324 ބޯޅައިން 180 ލަނޑު ހަދައިފައެވެ. އަދި އަހުމަދު ނީޝަމް ވެސް ވަނީ ނުބައިނުވެ 98 ލަނޑު ހަދައިފައެވެ. ފުރަަތަމަ އިނިންގްސް ނިމުނު އިރު، މާލޭ ސްޕޯޓްސް އޮތީ 223 ލަނޑުންނެވެ.
ފައިނަލް މެޗުގެ ފަހު ދުވަހަށް ނުކުތް އިރު، މެޗުން މޮޅުވުމަށް މާލޭ ސްޕޯޓްސްއަށް 10 ވިކެޓް ނަގަން ޖެހެއެވެ. އަދި ސީބީއެލްއަށް 223 ލަނޑު ހަދައިގެން މޮޅުވުމުގެ ފުރުސަތެވެ. އެހެން ނަމަވެސް ފަހު ދުވަހުގެ ކުޅުން ނިމުނު އިރު، މާލޭ ސްޕޯޓްސްއަށް ނެގުނީ ހަ ވިކެޓެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފައެވެ.
މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާގެ މަގާމާއި އެންމެ މޮޅުު ވިކެޓް ކީޕަރު އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ރިޝްވާންއެވެ. ރިޝްވާން ވަނީ މުބާރާތުގައި 294 ލަނޑު ހަދައިފައެވެ. އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ މާލެ ސްޕޯޓްސްގެ މުހައްމަދު މަހްފޫޒެވެ. މަހްފޫޒު ވަނީ މާލޭ ސްޕޯޓްސްއަށް 15 ވިކެޓް ނަގައިދީފައެވެ.
މުބާރާތުގެ ތިންވަނަ ޓީމަކީ ވިޔަންސާ ސްޕޯޓްސް ކްލަބެވެ.