08 Jan 2018, 11:45
ހުނަރުވެރި އެކްޓަރު އާޔޫޝްމަން ޚުރާނާ އާއި 'ދަންގަލް' އިން މަޝްހޫރުކަން ހޯދި ބަތަލާ ސާންޔާ މަލޯތުރާ އެކުގައި ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
ދެމީހުން މިހާރު ވަނީ ފިލްމު 'ބަދާއީ ހޯ' ގެ ސްކްރިޕްޓް ކިޔުމާއި ވޯކްޝޮޕްތަކުގައި ބައިވެރިވާން ފަށައިފަ އެވެ. އެކަން ހާމަކޮށްފައި ވަނީ އާޔޫޝްމަން ކުރި ޓުވީޓެއްގަ އެވެ. ސާންޔާ ވަނީ އާޔޫޝްމަންގެ ޓުވީޓު ރީޓުވީޓު ކޮށްފަ އެވެ.
ސާންޔާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ މިދިޔަ އަހަރުގެ ސުޕަހިޓް ފިލްމު 'ދަންގަލް' އިންނެވެ. އެއަށްފަހު ސާންޔާ ފިލްމަކުން ނުފެނުމުން، އޭނާގެ ސަޕޯޓަރުން ތިބީ ސާންޔާގެ އިތުރު ފިލްމެއް ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފަ އެވެ.
ސާންޔާ މިހާރު ވެސް އަންނަނީ ޑައިރެކްޓަރު ރިތޭޝް ބަޓްރާގެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. 'ބަދާއީ ހޯ' ވެގެން ދާނީ އޭނާގެ ތިން ވަނަ ފީޗާ ފިލްމަށެވެ.
'ބަދާއީ ހޯ' ޑައިރެކްޓު ކުރާނީ ފިލްމު 'ތޭވަރް' ގެ ވެސް ޑައިރެކްޓަރު އަމިތު ޝަރްމާ އެވެ. ފިލްމުގައި ފެނިގެން ދާނީ އާއިލާ އަކަށް ލިބޭ ކުއްލި ޚަބަރެއްގެ ސަބަބުން އާއިލާގެ މެމްބަރުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ.
އާޔޫޝްމަން ވަނީ މިދިޔަ އަހަރު ވެސް ރަނގަޅު ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ.