ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ މަންޒަރުތައް ކުޅުމަށް ހަށިގަނޑަށް ބަދަލުތަކެއް ގެންނަ ކަމަށް އޭނާ ބުނެފި އެވެ.

ނިއުމާ ބުނީ ފިލްމުގެ ޑައިރެކްޓަރު މޫމިން ފުއާދުގެ އެދުމުގެ މަތިން އޭނާގެ ހަށިގަނޑު ފަލަކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު މިހުރީ ކުރިއަށް ވުރެ މީހާ ހިކިފައި. އެހެންވެ މޫމިން ބޭނުންވީ ނިއުމާ މިއަށްވުރެ ފަލަ ކުރަން. ރީތި ވަރަކަށް ފަލަކުރަން. އެހެންވެ ބަރުދަން ބަރުކޮށްލަނީ. މި ފިލްމަކީ ކޮކްޓައިލް ފިލްމެއް،" ނިއުމާ ބުންޏެވެ.

ނިއުމާ ޕްރޮޑިއުސްކުރާ އެ ފިލްމާ ގުޅޭ ގޮތުން ނިއުމާ މިއަދު ސަން އަށް ބުނީ އެ ފިލްމުގައި ނިއުމާ އާ އެކީ ހަރަކާތްތެރިވާނީ މުޅިން އާ ފިރިހެން ބަތަލެއް ކަމަށެވެ. ނަމަވެސް ބަތަލުގެ ތަފްސީލު ފަހުން އާންމު ކުރާނެ ކަމަށް ވެސް ނިއުމާ ބުންޏެވެ.

ނިއުމާ ބުނީ ޝޫޓިން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ފިލްމުގެ ސެޓަޕް މި މަހު ފަހުކޮޅު ލިބޭނެ ކަމަށާއި ސެޓަޕް ލިބުމުން ޝޫޓިންގެ މަސައްކަތް ފަށާނެ ކަމަށެވެ.

ފިލްމު ޝޫޓް ކުރަން ހަމަޖެހިފައި ވަނީ މާލޭގައި ކަމަށާއި ބައެއް އިންޑޯ މަންޒަރުތައް ނެގުމަށް ކައިރި ރަށަކަށް ދާން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ފިލްމަކީ އަޅުގަނޑަށް އަޅުގަނޑުގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ފިލްމެއް. ފަހަރެއްގައި މިދާއިރާއަށް ވެސް ވަރަށް ހާއްސަ ފިލްމަކަށް ވެދާނެ. މިއީ އަޅުގަނޑު އެކްޓަރެއްގެ ގޮތުގައި ފެންނަ ފަހު ފިލްމު. ހުރިހާ ގޮތަކުން ވެސް ހާއްސަ ފިލްމަކަށް މި ފިލްމް ވެގެންދާނެ،" ނިއުމާ ބުންޏެވެ.

އެ ފިލްމު މި އަހަރު ނިއުމާގެ އުފަންދުވަހަށް (އޮކްޓޯބަރު) މަހު ރިލީޒްކުރަން ހަމަޖެހުނު ނަމަވެސް އެ ދުވަސްވަރަކީ ސިޔާސީ މަޝްރަހު ވަރަށް ހޫނުވެގެންދާނެ ދުވަސްވަރަކަށް ވުމުން ފިލްމު ރިލީޒްކުރުން ފަހަރުގައި އަވަސްވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް ނިއުމާ ބުންޏެވެ.

"ނިވައިރޯޅި" އަކީ ނިއުމާ ކެމެރާގެ ކުރިމަތިން ފެންނާނެ އެންމެ ފަހު ފިލްމެވެ.

ފިލްމީ ދާއިރާގައި ނިއުމާ ހޭދަކުރި 20 އަހަރު ފާހަގަ ކުރުމަށް "ސެލެބްރޭޓިން 20"ގެ ނަމުގައި މިދިޔަ އޮކްޓޯބަރު ބޭއްވި ހަފްލާގައި ވަނީ ފިލްމު ލޯންޗްކޮށްފަ އެވެ.

ނިއުމާ ފިލްމީ ދާއިރާއަށް ނިކުތީ 1994 ވަނަ އަހަރު އެވެ. އޭނާ ވަނީ ގިނަ ބައެއްގެ ލޯބި ހޯދައި ފިލްމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.