09 Jan 2018, 13:11
ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިތައް ހިމަނައިގެން އެކުލަވާލާ ގޯލްޑް 100 އަށް ނަން ނޮމިނޭޓް ކުރުމަށް މިދިޔަ މަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި 150 އަށް ވުރެ ގިނަ ފަރާތުން ނޮމިނޭޝަން ހުށަހަޅައިފިއެވެ.
ކޯޕަރޭޓް މޯލްޑިވްސްގެ އެޑްވައިޒަރީ ޕާޓްނަރު، ސީޓީއެލް ސްޓްރެޓެޖީސްއިން މިހާރު ގޯލްޑް 100 ހޮވުމުގެ އިވެލުއޭޝަން ފަށާފައިވާކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.
ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ، ރާއްޖޭގެ އެންމެ ކާމިޔާބު 100 ކުންފުނި ހޮވުމުގެ ކަންތައް ކުރިއަށްދާނީ ދެފުށް ފެންނަ، އަދި އިންސާފުވެރިކޮށް ކަމަށާއި ގޯލްޑް 100ގެ ގޮތުގައި ހޮވާ ކުންފުނިތައް ވެގެންދާނީ ރާއްޖޭގެ އެންމެ ކާމިޔާބު 100 ކުންފުނިތަކަށް ކަމަށެވެ.
ގޯލްޑް 100 ގެ ކުންފުނިތައް ތަރުތީބުކުރެވޭނީ އިނގިރޭސި އަކުރުގެ ތަރުތީބުން ކަމަށާއި، ކުންފުނީގެ ކާމިޔާބީގެ މިންވަރަށް ރިއާޔަތްކޮށްގެން ނޫން ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.
އެންމެ ކާމިޔާބު 100 ކުންފުނި، "ގޯލްޑް 100" އިއުލާނުކުރުން އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާ ގޯލްޑް 100 ގާލާގައެވެ.