09 Jan 2018, 15:42
ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ހަވާލުވެފައިވާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް)ގެ ދިވެހި ހިއްސާދާރުންނާއި އިނޑިއާގެ ހިއްސާދާރުންނާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ހެލްތު މިނިސްޓްރީ އިން ދީފި އެވެ.
ފާއިތުވި ހަތަރު އަހަރު ސިއްހީ ދާއިރާއިން ހޯދި ކާމިޔާބީތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ހިއްސާދާރުންގެ މެދުގައި މިހާރު ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
"ދިވެހި ހިއްސާދާރުންނާއި އިންޑިއާގެ ހިއްސާދާރުންގެ މެދުގައި ޖެހިގެން އުޅޭ މައްސަލަ ހައްލު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައި ވާނީ. އެ މުއްދަތުގެ ތެރޭގައި އެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ ދެން ކުރިއަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނީ،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ނިމްސް އަށް ކުޅުދުއްފުށީ ހޮސްޕިޓަލް ދިން މަގުސަދު ހާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ހެލްތު މިނިސްޓްރީ އިން ވަރަށް ގާތުން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ހޮސްޕިޓަލް ހިންގާ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ޖެހިގެން އުޅޭ މައްސަލައަކީ އެ ހޮސްޕިޓަލުންދޭ ހިދުމަތްތަކަށް ބުރުލެއް އަރާނެ ކަމަކަށް ވިޔަ ނުދިނުމަށް ޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ރައްޔިތުންނަށް ޔަގީންކަން ދޭން ބޭނުން ވަނީ ހޮސްޕިޓަލުން ދޭން ޖެހޭ ހިދުމަތްތައް އެއްވެސް ހުއްޓުމެއް ނެތި ދެމުންދާނެކަން. މިނިސްޓްރީން މިހާރު ވެސް ވާނީ މިވަގުތަށް ދަތިވެފައިވާ ކަންކަން ހައްލުކޮށްފައި،" ނާޒިމް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތުގައި އުނދަގޫތަކެއް ކުރިމަތިވެފައި ވަނީ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ހީނަރުވެ، ކުންފުނީގެ މަސައްކަތްތައް ނިންމުމަށް ދިވެހި ހިއްސާދާރުންގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭތީ ކަމަށް ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން އޭރު ދިމާވި އިދާރީ މައްސަލަތައް ހައްލު ކުރެވެންދެން އެ ހޮސްޕިޓަލުން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، ހެލްތު މިނިސްޓްރީ އިން ވަނީ ހަވާލުވެފަ އެވެ.