ސިޔާސީ ގޮތުން ވަކި މީހަކަށް ވަޒީފާއެއް ދީގެން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ދުވަހަކުވެސް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވެއްޖެއެވެ.

"ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާފިޒް ވިދާޅުވީ މިވީހާތަނަށް ދުވަހަކުވެސް ސިޔާސީ ވަކި ނުފޫޒަކުން މީހަކަށް ވަޒީފާއެއް ދީގެން، ނުވަތަ ވަޒީފާގެ މާހައުލުގައި ސިޔާސީ މައްސަލައެއް އުފެދިގެން އެކަމާއި ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

" އެފަދަ އެއްވެސް ޝަކުވާއެއް ހުށަހެޅިފައެއް ނެތޭ އަޅުގަނޑަށް ދެންނެވިދާނެ،" ނާފިޒް ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ އެފަދަ ޝަކުވާތައް ހުރިނަމަ އެ އޮތޯރިޓީއަށް ޝަކުވާ ހުށެހެޅޭނެ ކަމަށާއި އެ އޮތީރިޓީން އެފަދަ މައްސަލަތައް ބަލާނެ ކަމަށެވެ.

ނާފިޒް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއްގައި ސަރުކާރުގެ ބައެއް މުވައްޒަފުން މަޖުބޫރުން ބައިވެރިކުރާ ކަމަށް ބުނެ މީގެ ކުރިން އެމްޑީޕީން އެ އޮތޯރިޓީއަށް ޝަކުވާއެއް ހުށައެޅި ކަމަށެވެ. ނަމަވެސް އެ ޝަކުވާ ދިރާސާ ކުރަން ބެލި އިރު. އެގޮތަށް މަޖުބޫރު ކުރުވިކަން ސާފު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅާނަމަ އެ ކަމެއް ދިމާވި މުވައްޒަފަކު ޝަކުވާ ހުށަހަޅައިގެން ނޫން ގޮތަކަށް އެކަން ބަލަން ދަތިވާނެ ކަމަށެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ މާހައުލުގައި މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް އިތުރުވަމުން އަންނަ ކަމަށާއި މިވަގުތަށް ވަޒީފާގެ މާހައުލުގައި އޮތް އެންމެ ބޮޑު ކަންބޮޑު ވުމަކީ އެއީ ކަމަށްވެސް ނާފިޒް ވިދާޅުވިއެވެ.