11 Jan 2018, 09:02
އަށާރަ ވަނަ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އޮފިޝަލްކަން ކުރުމަށް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް)ގެ ލެވެލް ދޭއްގެ ރެފްރީ ފާސް އޮންނަ އަހުމަދު މުންތަގިމްއަށް ފުރުސަތު ލިބިއްޖެއެވެ.
މިއަހަރުގެ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ ޖޫން މަހުގެ ހަތަކުން 10 ވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުގެ ގިފޫ ސިޓީގައެވެ.
އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕަކީ އޭޝިއާގެ އެތުލެޓިކްސްގެ މަތީ ފަންތީގެ ޓީމުތައް ވާދަކުރާ މުބާރާތެކެވެ. އެ މުބާރާތް ފުރަތަމަ ބާއްވާފައިވަނީ 1986 ވަނަ އަހަރުގައެވެ. މުބާރާތުގައި ގިނަ އިވެންޓްތަކެއް ހިމެނޭ އިރު، މިހާތަނަށް އެންމެ ކާމިޔާބު ގައުމަކީ ދުނިޔޭގެ އެތުލެޓިކްސްގައި ވެސް ކާމިޔާބު ގައުމު ޗައިނާއެވެ. ޗައިނާއިން ވަނީ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ޖުމްލަ 562 މެޑަލް ހޯދާފައެވެ.
ދެ އަހަރުން އެއް އަހަރު ބާއްވާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2016 ވަނަ އަހަރު ބާއްވާފައިވަނީ ވެއިޓްނާމްގައެވެ.
ރާއްޖެއިން މުބާރާތުގެ އޮފިޝަލުކަން ކުރަން ފުރުސަތު ލިބިފައިވާ މުންތަގިމްއަކީ ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީއެވެ. އަދި ވޭތުވެދިޔަ އަހަރު އޭނާއަށް ވަނީ އޭޝިއާ ސަރަހައްދުގެ ބައިނަލްއަގްވާމީ އެތުލެޓިކްސް މުބާރާތްތަކުގެ އޮފިޝަލުކަން ކުރުމުގެ ފާސް ލިބިފައެވެ. 1996 އަހަރުން ފެށިގެން ރާއްޖޭގެ އެކިއެކި މުބާރާތްތަކުގައިވެސް އޮފިޝަލުކަން ކޮށްފައިވާ މުންތަގިމްއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެތުލެޓިކްސް އޮފިޝަލެވެ.