ރާއްޖޭގެ އެންމެ ފުރަތަމަ އިންޓަގްރޭޓެޑް ރިސޯޓް މަޝްރޫއު ކަމުގައިވާ އެނބޫދޫ ލެގޫންގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭރުގެގެ މަޝްހޫރު ބްރޭންޑުތަކާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށްޓަކައި، އޯޕަން ހައުސް އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

އެ މަޝްރޫއު ތަރައްގީކޮށް ހިންގާ ތައިލެންޑުގެ ސިންހަ އެސްޓޭޓް ޕލކއިން ބުނީ، އެ އިވެންޓު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހުގެ ހެނދުނު ނުވަޔަކުން ހަވީރު ފަހެއް ޖަހަންދެން ކަމަށެވެ.

ސިންހަ އެސްޓޭޓްއިން ބުނީ، އެ އިވެންޓުގައި ދުނިޔޭގެ 15 އަށްވުރެ ގިނަ ރީޓެއިލް ބްރޭންޑްތަކުން ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހެލްތު އެންޑް ވެލްނެސް އަދި ފުޑް އެންޑް ބެވަރޭޖަސް ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ފަރާތްތައް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ އިވެންޓްގެ ސަބަބުން ރާއްޖެއަށް ފްރެންޗައިޒްތައް ތައާރަފުކޮށް، އެނބޫދޫ ފަޅުގައި އިންވެސްޓްކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ސިންހަ އެސްޓޭޓުން ބުންޏެވެ. އަދި އެނބޫދޫ މަޝްރޫއު ވެގެންދާނީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެން އިންޓެގްރޭޓެޑް ލެޝަރ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖެ ދައްކައިދޭނެ އިންވެސްޓްމަންޓަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 15 މިނިޓުން ދެވޭ، އަދި މާލެއާއި ހުޅުމާލެއާ އެންމެ އަށް ކިލޯމީޓަރު ދުރުގައި އޮންނަ އެނބޫދޫފަޅުގައި ގުޅި ލާމެހިފައިވާ ހޮޓެލްތަކާއި، މުނިފޫހިފިލުވުމުގެ މަރުކަޒުތަކާއި، ރީޓެއިލް ފިހާރަތަކާއި، އަދި މަތީ ފެންވަރުގެ ކެއިންބުއިމުގެ ރެސްޓޯރެންޓްތައް ހުންނާނެއެވެ.