12 Jan 2018, 10:12
މިއަހަރު 45 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ބުދަ ދުވަހުގެ ރޭ ވާހަކަފުޅުދައްކަވަމުން އަނިލް ވިދާޅުވީ ގާނޫނު އަސާސީއަކީ ފައުންޑޭޝަނެއް ކަމަށާއި މިސަރުކާރުން މަސައްކަތް ކުރަނީ އެއަށް ބޭނުންވާ ތަނބުތައް ޖަހަން ކަމަށެވެ.
އޭނާ ވިދާޅުވީ 2008 ގައި އާ ގާނޫނު އަސާސީ ވުޖޫދަށް އަޔަސް ފާއިތުވި ދުވަސްތަކުގައު އެއަށް ބޭނުންވާ ތަނބުތައް ހުރީ ނުޖެހި ކަމަށާއި ދުރާލާ ޕްލޭންތަކެއް ހަދައިގެން މި ސަރުކާރުން ދަނީ އެ މަސައްކަތް ކުރަމުން ކަމަށެވެ.
އަނިލް އެ ވިދާޅުވާ ތަނބުތަކަކީ ގާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ގާނޫނުތަކާއި ކުރިން ހަދާފައިވާ ގާނޫނުތަކަށް ގާނޫނު އަސާސީއާ އެއްގޮތަށް ގެންނަންޖެހޭ އިސްލާހުތަކެވެ.
މި ސަރުކާރު އައިފަހުން ފާއިތުވި ދުވަސްތަކުގައި ވަނީ ގާނޫނާ ޚިލާފަށް ގާނޫނުތަކުގައި ހުރި މާއްދާތައް އިސްލާހުކޮށް، ގާނޫނު އަސާސީއާ ޚިލާފު ގާނޫނުތައް އުވާލާފައި ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.
މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނެނީ 200 ވަރަކަށް ބިލް މަޖިލީހަށް ހުށަހެޅުން ކަމަށާއި އޭގެތެރެއިން ގިނަ ބިލްތަކެއް މަޖިލީހަށް ހުށަހަޅައި 160 ވަރަކަށް ބިލް ވަނީ ފާސްކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަނިލް ވިދާޅުވީ 2014 ވަނަ އަހަރު އާ ދައުރަކަށް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުވުމާއެކު ގިނަ ބިލްތަކެއް ދިޔައީ ފާސްކުރަމުން ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބިލްތައް މަދުވެފައިވާ ކަމަށާއި އެއީ ސިޔާސީ ހަލަބޮލި ކަމާއި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުންވީ ކަމެއް ކަމަށް ވެދާނެ ކަމަށެވެ.
މިއަހަރުވެސް ގިނަ އަދަދެއްގެ ބިލްތައް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ފޮނުވަން މަސައްކަތް ނިމިފަ އޮންނާނެ ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ބިލް. އެއީ ޖިނާއީ އަދުލުގެ ނިޒާމުގެ އެންމެ މުހިންމު، އެންމެ ފަހުގެ އެއް ބިލް. ދެން އޭގެއިތުރަށް ޖިނާއީ އަދުލުގެ ނިޒާމަށް ފޯކަސްކޮށްގެން ގިނަ މަސައްކަތްތައް ކުރެވުމާއެކީގައި ހަނދާނެއް ނައްތައެއް ނުލަން މަދަނީ އަދުލުގެ ނިޒާމުގެ ވާހަކަ،" އަނިލް ވިދާޅުވިއެވެ.
އަނިލް ވިދާޅުވީ މިދިޔަ އަހަރު ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ފާސްކޮށްފައިވާއިރު، މިއަހަރު ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ބިލެއް މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އެއީ ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަވުމަށް މުހިންމު ބިލެއް ކަމަށެވެ. އަދި މަދަނީ އަދުލުގެ އިޖުރާއަތުތަކެއް އެކުލަވާލުމަށްޓަކައި އެކަމާ ގުޅުންހުރި ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ އެކަމާ ބެހޭ އިޖުރާއަތުގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މަޝްވަރާއާ އެކީގައި. އެއީ އަޅުގަނޑުމެން ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން ހުށަހަޅާނެ ބިލެއްވެސްމެ،" އަނިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ ތެރޭގައި އިންޝުއަރެންސްގެ ބިލަކާއި ރިއަލް އެސްޓޭޓްގެ ވިޔަފާރި ހަރުދަނާގޮތެއްގައި ހިންގުމަށްޓަކައި އެކަމާ ގުޅުންހުރި ބިލެއްވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.