ޕާކިސްތާނުގެ ކާސުރްގައި ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނުތާ ހަފްތާއެއް ނުވަނީ ޕާކިސްތާނުގައި އަނެއްކާ ވެސް ކުޑަކުއްޖަކު ރޭޕް ކުރަން އުޅުނު ސްކޫލެއްގެ ސެކިއުރިޓީ ގާޑަކު ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ފަސް އަހަރުގެ ކުޑަ ކުއްޖާ ގޮސް ބެލެނިވެރިން ކައިރީގައި އެވާހަކަ ބުނުމުންނެވެ. ކުއްޖާގެ އާއިލާއިން ބުނީ، އިބްރާހިމް ހައިދަރީ ސަރަހައްދުގައި ހުންނަ ސްކޫލެއްގައި ކިޔަވަމުންދާ އެ ކުޑަކުއްޖާ އެމީހުން ގާތު ސެކިއުރީ ގާޑާ ގުޅިގެން ޝަކުވާ ކުރީ އިއްޔެ ސްކޫލް ނިންމާފައި ގެއަށް ދިޔަ ގޮތަށެވެ.

ޕާކިސްތާނުގެ ޖިއޯ ޓީވީން ރިޕޯޓް ކުރި ގޮތުގައި، ސެކިއުރިޓީ ގާޑު ފުލުހުންނާ ހަވާލުކުރުމުގެ ކުރިން ކުޑަކުއްޖާގެ އާއިލާއިން ވަނީ ސެކިއުރިޓީ ގާޑު ހޯދައި އޭނާއަށް އަނިޔާ ކޮށްފައެވެ.

ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އީސްޓް ސުލްތާން ހަވާޖާ ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން ހައްޔަރުގައި ހުރި ސެކިއުރިޓީ ގާޑާ ސުވާލު ކޮށްފައިވަ ކަމަށެވެ. އަދި ސިންދު ސްޓޭޓްގެ ޗީފް މިނިސްޓަރު ވަނީ އެ މައްސަލައިގެ ރިޕޯޓްވީ އެންމެ އަވަހަކަށް ފޮނުވުމަށް އެދިވަޑައިގެންފައެވެ.

ޕާކިސްތާނުގައި އަނެއްކާވެސް ރޭޕްގެ މައްސަލައެއް ފެންމަތިވެފައި މިވަނީ ރޭޕްކޮށް އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އޮއްވާ ފެނުނު ހަތް އަހަރުގެ ޒައިނަބުގެ މައްސަލާގައި މުޅި ޕާކިސްތާން ހަލަބޮލިވެފައިވާ ދުވަސް ކޮޅެއްގައެވެ.

ރޭޕްކޮށް މަރާލައިފާ އޮއްވާ ޒައިނަބުގެ ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅެމުންދާ ގެއާ ދެ ކިލޯ މީޓަރު ދުރުގައި ހުންނަ ކުނިގަނޑެއްގެ ތެރެއިން، އޭނާ ވަގަށް ނެގިތާ ފަސް ދުވަހުން ފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޒައިނަބު ވަގަށް ގެންގޮސްފައިވަނީ ޤުރުއާން ކިޔަވަން ގެއިން ނުކުތް ފަހުންނެވެ.