14 Jan 2018, 12:07
ހޮނޮލޫލޫ (ޖެނުއަރީ 14): އެމެރިކާގެ ހަވާއީގެ އެމަޖެންސީ މެނޭޖްމެންޓް އޭޖެންސީ (އީއެމްއޭ)އަށް އޮޅުމަކުން އެ ސްޓޭޓުގެ ރައްޔިތުންނަށް މިސައިލް ހަމަލާއެއް ދޭން އުޅޭކަމުގެ އިންޒާރު ދެވިއްޖެއެވެ.
އިއްޔެ ހެނދުނު ހަވާއީ ގަޑިން 08:07ގައި އެ ސްޓޭޓުގެ ރައްޔިތުންގެ ފޯނުތަކަށް ފޮނުވާފައިވާ މެސެޖުގައި ވަނީ ބެލިސްޓިކް މިސައިލެއްގެ ނުރައްކާ އޮތް ކަމަށާއި ވީހާވެސް އަވަހަށް ރައްކާތެރިކަން ހޯދުމަށް ބުނެފައެވެ. އަދި އެއީ ޑްރިލްއެއް ނޫން ކަން ވެސް މެސެޖުގައިވެއެވެ.
ފޯނުތަކަށް ފޮނުވި މެސެޖުގެ އިތުރުން ޓީވީއާއި ރޭޑިއޯއިން ވަނީ ކުއްލި ހާލަތުގައި އިއްވަން ހަމަޖެހިފައިވާ ރެކޯޑެޑް މެސެޖެއް އިއްވައިފައެވެ. އެގޮތުން ގެއިން ބޭރުގައި އުޅޭ މީހުން އިމާރާތަކުން ރައްކާތެރިކަން ހޯދުމަށާއި ގޭ ތެރޭގައި ތިބި މީހުން ކުޑަދޮރުތަކާ ދުރުގައި ތިބުމަށް އަންގާފައިވެއެވެ. އަދި ނުރައްކަލުގެ ހާލަތު ނިމުމުން އެކަން އިއުލާން ކުރާނެ ކަމަށް އެ މެސެޖުގައި ބުނެއެވެ.
ހަވާއީގެ ނޫހެއްގައިވާ ގޮތުން އެ އިންޒާރަކީ އޮޅުމަކުން ފޮނުވުނު އިންޒާރެއް ކަމަށް ބުނެ އީއެމްއޭއިން މެސެޖެއް ފޮނުވާފައި ވަނީ އިންޒާރު ފޮނުވިތާ 38 މިނިޓު ފަހުންނެވެ.
އަދި ހަވާއީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ވަގުތުކޮޅު ތެރޭގައި އުފެދުނު ބިރުވެރިކަމާ ބެހޭ ގޮތުން ވާހާކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ހަވާއީގެ ގަވަރުނަރު ޑޭވިޑް އީގޭ ވަނީ އެއީ އީއެމްއޭގައި ޝިފްޓް ބަދަލުކުރަނިކޮށް މުވައްޒަފަކަށް ނުބައި ބަޓަނަކަށް ފިއްތުމުން ހިނގި ހާދިސާއެއް ކަމަށް ވިދާޅުވެ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ. އަދި އެމެރިކާގެ ސަރުކާރުން ވަނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ. (ބީބީސީ)