17 Jan 2018, 11:05
ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގައި މަސައްކަތް ކުރުމުގެ މުއްދަތު ހަމަވުމުން އެނބުރި އައްޑުއަށް ދާން އަންގައިފި އެވެ.
ދެކުނު ގޮފީގައި ތިއްބަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނު އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައްިން ޒަކަރިއްޔާ އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ އެ ތިން ފަނޑިޔާރުން ވެސް އިއްޔެ އައްޑުއަށް ވަޑައިގަތުމުގެ އިންތިޒާމުތައް އެ އެޑްމިނިސްޓްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުން ވަޑައިގަތްކަން އަދި ޔަގީނެއް ނުވެ އެވެ.
ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލޭ ހައިކޯޓުގައި މަސައްކަތް ކުރައްވަން ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ އެންގުމަކަށެވެ. ސުޕްރީމް ކޯޓުން އަންގާފައި ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ތިން މަހު މާލޭ ހައިކޯޓުގައި މަސައްކަތް ކުރެއްވުމަށެވެ. އެ މުއްދަތު ޑިސެމްބަރަށް ވަނީ ހަމަވެފަ އެވެ.
ހައިކޯޓުގެ ހުސްވެފައިވާ މަގާމުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ އަދިވެސް އޮތީ ފަސްޖެހިފަ އެވެ. ފަނޑިޔާރުން ހޯދަން އިއުލާނުކުރުމުން މީހުން ކުރިމަތިވެސް ލި އެވެ. ނަމަވެސް ފަނޑިޔާރުން އައްޔަން ކުރުމާ ބެހޭ ގޮތުން ޖޭއެސްސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.