އިންޑިއާގެ އެންމެ މަތީފަންތީ ލީގު، އައިލީގުގައި މެޗު ވިއްކާލުމަށް ހުށަހެޅި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އައިލީގުގެ އެއްވަނައިގައި އޮތް ޕަންޖާބު އެފްސީގެ އޯނަރު ރަންޖިތު ބަޖާޖުވަނީ އޭނާގެ ކްލަބުގެ ދެ ކުޅުންތެރިއަކަށް މެޗުތަކުގައި ދަށްކޮށް ކުޅުމަށް ރިޝްވަތުގެ ގޮތުގައި ފައިސާގެ ހުށަހެޅުންތަކެއް އައިސްފައިވާކަން ޔަގީންކޮށްދީފައެވެ. އަދި އޭނާވަނީ އެ މައްސަލަ އިންޑިއާގެ ފުޓުބޯޅައިގެ މައި އިދާރާއަށް ހުށަހަޅާފައެވެ.

އިންޑިއާގެ ފުޓުބޯޅަ އިދާރާއިން އެ މައްސަލައާ ގުޅިގެން ބުނެފައިވަނީ އެފަދަ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، އެފަދަ މައްސަލަތަކަށް ދޭނީ 'ޒީރޯ ޓޮލަރެންސް' ކަމަށެވެ.

ޕަންޖާބު އެފްސީގެ އޯނަރު ރަންޖިތް ބަޖާޖު ބުނެފައިވަނީ ޕަންޖާބު އެފްސީގެ ދެ ކުޅުންތެރިއަކަށް 30 ލައްކަ ރުޕީސްގެ ހުށަހެޅުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން އެއް ކުޅުންތެރިއަކީ އެޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިއެއް ކަމަށްވެސް ބަޖާޖުވަނީ ބުނެފައެވެ.

އިންޑިއާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ އިންޓަގްރިޓީ އޮފިސަރު ޖާވިދު ސިރާޖު ވިދާޅުވެފައި ވަނީ ރަސްމީ ސިފައެއްގައި އޭނާއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މެޗު ދޫކޮށްލުމަށް ފައިސާ ހުށައެޅީ ކޮން ކުޅުންތެރިންނަކަށް ކަމެއް ހާމަކުރަން ބޭނުން ނުވާ ކަމަށާއި، ކުޅުންތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަކީ އެ އިދާރާގެ އެންމެ އިސް ވާޖިބު ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާވިދު ވިދާޅުވީ އެ މައްސަލަތަކާ ގުޅިގެން ފީފާ އަދި އޭއެފްސީގެ ލަފާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ މި ސީޒަންގައި އިންޑިއާ ފުޓުބޯޅައިގެ ތެރެއިން މެޗު ވިއްކާލުމުގެ މައްސަލަތަކެއް ކުރިމަތިވި ދެވަނަފަހަރެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި އިންޑިއާގެ ޕްރިމިއާ ޑިވިޝަންގެ ކްލަކަތާ ފުޓުބޯޅަ ލީގުގެެ މައްސަލަތަކެއްވަނީ ފީފާއިން ތަހުގީގުކޮށްފައެވެ.