ވިލާ ގްރޫޕުގެ ހަތަރު ރިސޯޓަކަށް ކަސްޓަމްސް އާއި ފުލުހުން އަރައި ބަލާ ފާސްކުރަމުން ދަނީ ގާސިމްގެ ވިޔަފާރިއަށް ގެއްލުންދޭން ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ކަސްޓަމްސްއިން ވިލާ ގުރޫޕުގެ ރިސޯޓުތަކަށް އަރައި ބަލާ ފާސްކުރަން ވަނީ ފަށައިފަ އެވެ. ކަސްޓަމްސްއިން ބުނެފައިވަނީ ބަލާ ފާސްކުރަމުން ދަނީ ގަވާއިދާ ހިލާފަށް ރަލާއި އޫރު މަސް އެ ރިސޯޓުތަކަށް އެތެރެކޮށްފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ގާސިމް ބައިވެރިވެ ވަޑައިގަތުމުން އެކަމާ ހިތްހަމަނުޖެހިގެން ސަރުކާރުން ގާސިމަށް ސީދާ ގޮތުން ހަމަލާ ދެމުންދާ ކަމަށެވެ.

"ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެން ފަރާތްތަކުން ވިސްނަންވީ އެއީ ގާސިމާ ހަމައިން ނިމޭނެ ކަމެއް ނޫންކަން،" ޝިފާޒު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔުމްނާ މައުމޫނު ވިދާޅުވީ ރިސޯޓުތަކަށް އަރައި ބަލާ ފާސްކޮށް އެތަނުން ތަކެތި ގެންދަން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ގާސިމަށް ފިއްތުންތައް ކުރިމަތި ކުރުވަން ކަމަށެވެ.

ގާސިމްގެ ރިސޯޓުތަކަށް ކަސްޓަމްސް އާއި ފުލުހުން އެރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޓްވީޓް ކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވީ ގަވައިދާ ހިލާފަށް ރަލާއި އޫރުމަސް ގެންގުޅޭ ކަމަށް ބުނެ ގާސިމްގެ ރިސޯޓުތަކަށް އެރީ ފަތުރުވެރިންނަށް ބިރު ދައްކައި ގެއްލުން ދިނުމަށް ކަމަށެވެ. އަދި ނަޝީދު ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

ކަސްޓަމްސްއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާސިމް އިބްރާހިމްގެ ހަތަރު ރިސޯޓް ކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓް، ސަން އައިލެންޑް ރިސޯޓް، ފަން އައިލެންޑް ރިސޯޓް އަދި ހޮލިޑޭ އައިލެންޑް ރިސޯޓަށް އެތެރެކޮށްފައިވާ ބަނގުރަލަކީ ބޮންޑެޑް ވެއާ ހައުސްއިން ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ދޫކުރި ބަނގުރާ ކަމަށެވެ. އަދި އެ ރިސޯޓުތަކަށް އެތަކެތި އެތެރެކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ކަސްޓަމްސްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ކަސްޓަމްސްއިން ބުނީ އެ ހަތަރު ރިސޯޓަކީ، މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދައްކާތީވެ މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން 22 މާޗް 2017 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްއިން ހިދުމަތްދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުން ވެސް ވަގުތީގޮތުން ހުއްޓާލާފައިވާ ރިސޯޓުތައް ކަމަށެވެ.