ލަންކާއަށް ދިމާވެފައިވާ ހިތާމަވެރި ކާރިސާގައި ދިވެހިންގެ ފަރާތުން އެހީވުމަށް ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ އޮޑިޓް ފަރމެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމުގައި ޕީއެސްއެންމެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޕްރޮޖެކްޓް، ލޭންޑް، އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު އާސިފާއެވެ. އަދި ކްރޯ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޕަރޓްނަރ ޙަސަން މުޙައްމަދުއެވެ. މި ޓެލެތޯންއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔާމިން ރަޝީދު ވިދާޅުވީ މިއީ ލަންކާއަށް ކުރިމަތިވެފައިވާ ހިތްދަތި ޙާދިސާގައި، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ރައްޔިތުންގެ ބައިވެރިވުން ދައްކައިދިނުމަށް ކުރިއަށްގެންދަން ނިންމި ޓެލެތޯންއެއްކަމަށެވެ.
މި ޓެލެތޯންގައި ވަރަށް ގިނަ މީޑިއާތަކާއި އެކިއެކި އިދާރަތަކު އެއްބާރުލުން މިހާރުވެސް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. ޔާމިން ވިދާޅުވީ މި ޓެލެތޯންގައި ލިބޭ ފައިސާ ޖަމާކުރުމަށް ޚާއްސަ އެކައުންޓެއް ހަދާފަވާކަމަށެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ފަނޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއް ހަމަޖައްސާފަވާކަމަށެވެ.
"ކިއުއާރް ކޯޑެއްވެސް ދޭނެ. ކޯޑް ސްކޭންކޮށްލައިގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ. ވަރަށް ގިނަ ބައެއްގެ އެހީތެރިކަން މިހާރުވެސް ދަނީ ލިބެމުން. އެދެނީ މިކަމުގައި ހުރިހާ ރައްޔިތުން ބައިވެ، ލައްކާގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ދައްކުވައިދިނުން." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔާމިން ރަޝީދު ވިދާޅުވިއެވެ.
ޕީއެސްއެމްގެ ޑިރެކްޓަރ ޕްރޮޖެކްޓް، ލޭންޑް، އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު އާސިފާ ވިދާޅުވީ، މިނިވަން އޮޑިޓް ފަރމެން ނަގައިގެން މި މަސައްކަތް ކުރިއަށްގެންދިއުމުގެ ބޭނުމަކީ، ދެފުއްފެނަގޮތަށް އަދި ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭގޮތަށް ޓެލެތޯން ކުރިއަށްގެންދިއުންކަމަށެވެ.
"ބޭނުންވަނީ ވީހާވެސް ޓްރާންސްޕޭރެންޓްކޮށް މިކަން ކުރިއަށްގެންދަން. ފައިސާ ލިބެންވާ ފަރާތައް ލިބޭކަން ކަށަވަރުކުރުން." އާސިފާ ވިދާޅުވިއެވެ. ކްރޯ މޯލްޑިވެސްގެ މެނޭޖިން ޕަރޓްނަރ ޙަސަން މުޙައްމަދު ވިދާޅުވީ، ކްރައުން ގްލޯބަލް އަކީ ދުނިޔޭގައި ހިނގާ މިފަދަ ބޮޑެތި ކާރިސާތަކުގައި އެހީތެރިކަން ދެމުންދާ ކުންފުންޏެއްކަމަށެވެ.
ލަންކާއަށް އެހީވުމަށް ރާއްޖޭގައި ބާއްވާ ޓެލެތޯންގެ އޮޑިޓް މަސައްކަތް އެ ކުންފުނިން ކުރިއަށްގެންދަނީ، ކުންފުނީގެ އިޖުތިމާޢީ ޒިންމާގެދަށުންކަމަށް ވިދާޅުވިއެވެ. "ޕީއެސްއެމްގެ މިފަދަ ޓެލެތޯންތަކުގައި ކުރިންވެސް މަސައްކަތްކޮށްފިން. ވަރަށް ރަނގަޅަށް އިންޓަރނަލް ކޮންޓްރޯލް ބެލެހެއްޓިގެން މަސައްކަތްތައް ގެންދާކަން ފާހަގަވޭ. އަދި ރައްދުވާ ފަރާތައް ލިބޭކަން ކަށަވަރުކުރުން އެންމެ މުހިންމު ކަމަކީ." ކްރޯ މޯލްޑިވެސްގެ މެނޭޖިން ޕަރޓްނަރ ޙަސަން މުޙައްމަދު ވިދާޅުވިއެވެ.
މި ޓެލެތޯންގައި ނަގުދު ފައިސާ، ޓްރާންސްފަރ އަދި ބޭންކް ޗެކް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެއެވެ. މި ޓެލެތޯން މާދަމާގެ ހެނދުނު 09:00އިން ފެށިގެން މެންދަމު 01:00އަށް ކުރިއަށްދާނެއެވެ.