މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު މުވައްޒަފު ވަނީ އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

އަނިޔާވި މުވައްޒަފަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރި އެވެ.

ސްޓެލްކޯގެ މުވައްޒަފަށް އަނިޔާވީ ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗު ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ އަލިފާނުގެ ހާދިސާއެއްގަ އެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ސްޓެލްކޯއިން މީގެ ކުރިން މައުލޫމާތު ދީފައިވެ އެވެ.

މީގެއިތުރުން މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލަމުންދާކަމަށާއި ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ އާއިލާއާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން މިހާރު ދަނީ ކުރަމުންކަމަށެވެ. އަދި ހަމަ މިއާއިއެކު މި ހާދިސާގެ މިނިވަން ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ފަށާފައިވާކަން ފާހަގަކޮށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ސްޓެލްކޯއިން ދަނީ ދެމުންކަމަށް ސްޓެލްކޯއިން ބުނެއެވެ.