ދިވެހި މީޑިއާތައް ގުޅިގެން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯނުގެ ތެރެއިން ސްރީ ލަންކާއަށް ވަމުންދާ އެހީ ފާހަގަކޮށް ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ ރައްޔިތުން ޝުކުރު އަދާކޮށްފި އެވެ.

އިއްޔެ ޓެލެތޯން ކުރިއަށް ދިޔަ ވަގުތު ރާއްޖޭގައި މަސައްކަތް ކުރާ ލަންކާ ރައްޔިތުން ޕީއެސްއެމް ސްޓޫޑިއޯއަށް ގޮސް އެމީހުންގެ ޝުއޫރުތައް ހިއްސާކޮށްފައިވެ އެވެ.

ދިވެހި ބަހުން ޝުއޫރުތައް ފާޅުކޮށް އެމީހުން ބުނީ އާއިލާއަށް ނުގުޅޭތޭ 3 ނުވަތަ 4 ދުވަސް ވެފައިވާ ކަމަށާއި ބައެއް އާއިލާ މީހުންނަށް އިއްޔެ ގުޅުނު ކަމަށެވެ. އެހެންނަމަވެސް އާއިލާ މީހުން އުޅޭނެ ހާލެއް ވެސް ބުނެދޭން ނޭންގޭ ކަމަށް އެމީހުން ބުންޏެވެ. ދިވެހިން ލަންކާއަށް ދޭ އެހީތެރިކަމަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށް އެމީހުން ބުންޏެވެ.

މިގޮތަށް ފަންޑު ފޮށިތައް ބަހައްޓައިގެން މި މަސައްކަތް ކުރަމުން ދާތީ ވަރަށް ބޮޑު ޝުކުރުވެރިވާ ކަމަށް އެމީހުން ބުންޏެވެ.

"އެއް ރުފިޔާ ދިނަސް ވަރަށް ބޮޑަށް ތެންކިޔު"

ރާއްޖޭގައި މަސައްކަތް ކުރާ ލަންކާ ރައްޔިތެއް

ތޫފާން "ޑިޓުވާ"ގެ ސަބަބުން ސްރީ ލަންކާއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާއިރު މީހުން ދިރިއުޅޭ ބައެއް ހިސާބުތަކުގައި ގެތައް އެއްކޮށް ހުރީ ފެނު އަޑީގަ އެވެ. އަދި ބައެއް ހިސާބުތަކަށް ދިޔުމަށް ހުރި މަގުތަކަށް ބޮޑެތި ގަސްތައް ވެއްޓިފައިވާތީ އާއި ކިސަޑު ފައިބާ މަގުތައް ބެދިފައިވާތީ މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް ވެސް ދަތިތަކާ ކުރިމަތިވެފައިވެ އެވެ.

މި ތޫފާނުގެ ސަބަބުން ލަންކާއިން ނިޔާވި މީހުންގެ އަދަދު 334 އަށް މިހާރު ވަނީ އަރާފަ އެވެ. އަދި 400އެއްހާ މީހުން ވީނުވީއެއް ނޭންގި ގެއްލިފައިވާއިރު 1.3 މިލިއަން ރައްޔިތުންނަށް ތޫފާނުގެ އަސަރު ކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެ އެވެ.