މި އަހަރުގެ އޮކްޓޫބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 101 މައްސަލައެއް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފި އެވެ.
އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހު އެކި ބާވަތުގެ ގިނަ މައްސަލަތަކެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަ އެވެ. އެގޮތުން، އިހުމާލުވުމުގެ 34 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 18 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 16 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ޖިންސީ ހާނިއްކައިގެ މައްސަލަ އެވެ. މި ބާވަތުވެ 23 މައްސަލައެއް އޮކްޓޫބަރު މަހު ވަނީ ވުޒާރާއަށް ރިޕޯޓުކޮށްފަ އެވެ. އެއީ ފިރިހެން ކުދިންނާ ގުޅޭ 6 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 17 މައްސަލައެކެވެ.
މީގެއިތުރުން، ޖިސްމާނީ ހާނިއްކައިގެ 14 މައްސަލަ އާއި، ނަފްސާނީ ހާނިއްކައިގެ 12 މައްސަލަ އާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 11 މައްސަލަ އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލަ ވުޒާރާއަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި ބިރުދެއްކުމުގެ ގޮތުން ބްލެކްމެއިލް ކުރުމުގެ މައްސަލައަކާއި، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ މައްސަލައެއް އަދި އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ ޖަމާއަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޮކްޓޫބަރު މަހު ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 53 މައްސަލައަކާއި ފިރިހެން ކުދިންގެ 48 މައްސަލައެކެވެ.