ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނުރުހުން އަމާޒުވި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، މުގައްރިރުކަން ކުރެއްވި ކޮމިޓީތަކުން ވަކި ކުރައްވައިފި އެވެ.
މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ބައްދަލުވުމާ ގުޅޭ ގޮތުން ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖާ ގުޅިގެން ރައީސް ހިތްހަމަނުޖެހިފައިވާކަމަށް އަޑު ފެތުރިފައިވެ އެވެ.
ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގައި ރައީސްއާ ސުވާލެއް ކުރަން ނުވަތަ މެސެޖެއް ދޭން ބޭނުންވާނަމަ އެންގުމަށް އެދިވަޑައިގެން، އަސްމާ ވަނީ ދާއިރާގެ މެންބަރުންނަށް މެސެޖެއް ފޮނުއްވައިފަ އެވެ.
މި މެސެޖު ފޮނުއްވުމާ ގުޅިގެން ރައީސް ހިތްހަމަޖެހިވަޑައިނުގެންނެވުމުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު މާފަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ އޭނާ މުގައްރިރުކަން ކުރެއްވި އިޖުތިމާއީ ކޮމިޓީން ވަކިކޮށްފައިވާކަން ހާމަކޮށްފަ އެވެ. އަދި އަސްމާގެ ބަދަލުގައި އެ ކޮމިޓީއަށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ހަމަޖައްސަވާފައިވާ ކަމަށް ރިޔާސަތުން ހާމަ ކުރި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަސްމާ ކޮމިޓީތަކުން ވަކިކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެއީ ތެދަކަށް ވުމުގެ ފުރުސަތު ކުޑަކަން ފާހަގަކުރެވެ އެވެ.
މެމްބަރު އަސްމާގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވެސް ރައީސަށް ބޭނުންވާ ކަމެއް ދެންނެވުމަށް ދާއިރާގެ ރައްޔިތުންނަށް މެސެޖެއް ކުރައްވާފައިވާ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. އެހެންނަމަވެސް ބޮޗޭއަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެ އެވެ.