އޭޝިއާގެ ގައުމުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހަތަރު ގައުމަކުން 1،000 މީހުން މަރުވެއްޖެ އެވެ.

ވިއްސާރައިގެ ސަބަބުން ސްރީލަންކާ، އިންޑޮނޭޝިއާ، ތައިލެންޑް އަދި މެލޭޝިއާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވާގޮތުން، ލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން އެ ގައުމުން 334 މީހުން މަރުވެފައި ވާއިރު، 228 މީހުން ވަނީ ގެއްލިފަ އެވެ. އަދި 15،000 ގެއައް ގެއްލުންވެ، މިލިއަނެއްހާ މީހުންނަށް ވިއްސާރައިގެ އަސަރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުގެ ތެރޭގައި ވެރިރަށް ކޮލަމްބޯ ވެސް ހިމެނެ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑޮނޭޝިއާއިންނެވެ. އެގޮތުން، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާތަކުގައި އެ ގައުމުން 502 މީހުން މަރުވެ، 508 މީހުން ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ވިއްސާރައިގެ ސަބަބުން ލަންކާ އާއި އިންޑޮނޭޝިއާއިން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އެ ދެ ގައުމުގެ ސަރުކާރުން ވަނީ ސިފައިން ނެރެފަ އެވެ. ނަމަވެސް ފެންބޮޑުވުމާއި އެކި ހިސާބުތަކުން ބިންގަނޑު ކަނޑައިގެންދިޔުމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.
މީގެއިތުރުން، ވިއްސާރައިގައި ތައިލޭންޑުން 176 މީހުން މަރުވެ، 3.5 މިލިއަން މީހުންނަށް ވިއްސާރައިގެ އަސަރުކޮށްފައިވާކަމަށާއި، މެލޭޝިއާއިން ދެ މީހަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވިއްސާރައިގެ ސަބަބުން އޭޝިއާގެ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، އަވައްޓެރި ސްރީލަންކާއިން ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހި ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ލަންކާއަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން ޓެލެތޯނެއް ކުރިއަށްގެންދާކަން ވެސް ފާހަގަކޮށްލެވެ އެވެ.