ހުޅުމާލޭގައި ހަށިވިއްކަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މިއީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ދިވެހިރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި އެ ފައިސާތައް ބޭނުންކުރުމާއި، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަކަމަށް ލިބުނު މައުލޫމާތު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ނޮވެމްބަރު 29 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު ހުޅުމާލޭގައި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ފަސް މީހަކު ވަނިކ ހައްޔަރުކޮށްފަ އެވެ. އެއީ ރ. ރަސްގެތީމު / ކިއުބާ، ހުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ) އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ) އާއި ޝަހުޒޮޑަހޮން ރުސްތަމޯވާ (28އ) އަދި އުމިޑަބޮނޫ ނެމަޓޯވާ (34އ) އެވެ.
ފުލުހުން ބުނީ މި 5 މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިން ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއެޕާރޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުުރެ އެމެރިކާ ޑޮލަރާއި 18،000ރ އަށްވުރެ ގިނަ ފައިސާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.