ގައުމީ ޔުނިވާސިޓީގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިންގެ ދަށުން ލިބޭ މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް އިއްޔެ ބޮޑު ފޯރަމެއް ބާއްވައިފި އެވެ.

ޔުނިވާސިޓީގައި ބޭއްވި ފޯރަމް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނެވެ.
މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 80 އެއްހާ ދަރިވަރުން ބައިވެރިވި އެ ފޯރަމްގެ ތެރެއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ދާއިރާގެ ހަތަރު ތަޖުރިބާކާރުން ވަނީ، ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދީފަ އެވެ.
ދޮޅުގަޑިއިރަށް ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭގެ) ގެ އެކްސްކޯ މެންބަރު މުހައްމަދު މާހިލް އާއި ވިމެން އިން ޓެކްގެ ފައުންޑާ އާއިޝާ އަދުނާން އާއި އެމްއެންޔޫގެ ވިޒިޓިން ލެކްޗަރާ އަހްމަދު އަފްރު ރަޝީދު އަދި އައިކޮމްގެ ކުރީގެ ލީގަލް ޑިރެކްޓަރު އާއިޝަތު އިޝާ އެވެ.
މި ކެމްޕެއިނުގެ މައިގަނޑު މަގްސަދަކީ ދޮގު މައުލޫމާތު ފެތުރުން މަދުކުރުމަށް ސްކޫލު ނިންމާ ދަރިވަރުންނާއި ކޮލެޖު/ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ހޭލުންތެރިކުރުވުމެވެ.
މި ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ފަދަ މުޖުތަމައުއެއްގައި "ނޯ ކެޕްސް ޖަސްޓް ފެކްޓްސް"ގެ ނަމުގައި ކެމްޕެއިނަކަށް އިސްނެގުމަކީ, ރަނގަޅާ ދިމާލަށް ދިއުމުގެ ފެށުމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހަގީގީ ހާދިސާއަކުން ލިބޭ ގެއްލުމަކަށް ވުރެ ނޭނގި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުވެދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މީގެ ޒަމާންތަކެއް ކުރިން 100,000 މީހުންނަށް ވާހަކައެއް ހިއްސާކުރަން އަހަރު ދުވަސްނަގާނެ ކަމަށެވެ. ނަމަވެސް, ސިކުންތެއްގެ ތެރޭގައި މިހާރު އެކަން ހާސިލްވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ފަހިވެފައި ވަނީ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެ ހައްގުގެ ބޭނުން ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ބާރުއަޅުއްވައިފަ އެވެ.
ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު ވިދާޅުވީ ދުނިޔޭގައި ކަންކަން ބަދަލުވާ ވަރަކަށް ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ކޯސްތަކަށް ވެސް ބަދަލު އަންނަން ޖެހޭ ކަމަށެވެ. އެގޮތަށް, އެމްއެންޔޫގައި މީގެ ކުރިން ނޫސްވެރިން ތަމްރީނުކުރަމުން ދިޔަ ކޯސް, ޖާނަލިޒަމް ކޯހަށް ބަދަލުތަކެއް ގެނެސް, އަލަށް ފެށި މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހަކީ އެ އުސޫލުން ގެނައި ބަދަލެއް ކަމަށް އާސިމް ވިދާޅުވި އެވެ.
