ސްރީލަންކާއަށް ކުރިމަތިވި ތޫފާންގެ އަސަރު 275،000ށް ވުރެ ގިނަ ކުޑަކުދިންނަށް ކޮށްފައިވާކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑު (ޔުނިސެފް)ން ބުނެފިއެވެ.

ތޫފާން ދިތުވާގެ އަސަރު ލަންކާގެ 1.4 މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށްކޮށްފައިވެއެވެ. ނޮވެމްބަރ 28 ވަނަ ދުވަހު އެރި ތޫފާން އާއެކު މުޅި ސްރީލަންކާގައި ވަނީ ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާތަކާ ކުރިމަތިވެފައެވެ. ޔުނިސެފުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް މިތޫފާންގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށެވެ.

ތޫފާންގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ލަންކާގެ ސަރުކާރާއި އެކި އިދާރާތަކާއި ގުޅިގެން ކުރިޔަށްދާކަމަށް ޔުނިސެފުން ބުނެއެވެ. އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިންނާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ. އެގޮތުން ސާފުބޯފެނާއި، ކާބޯތަކެއްޗާއި ސައިކޮލޮޖިކަލް ސަޕޯޓް އަދި ގެދޮރު ގެއްލިފައިވާ ކުޑަކުދިންނަށް އެންމެ ބޮޑަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދެމުންދާކަމަށް ވަނީ ބުނެފައެވެ.

ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ޔުނިސެފްގެ ސަފީރު އީމާ ބްރިގަމް ވިދާޅުވީ ތޫފާންގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ކުޑަކުދިންނާއި އާއިލާތަކަށް އެހީތެރިވުމަށް ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި ވީއެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ތޫފާންގެ ސަބަބުން އެތައް ހާސް ގޯތި ގެދޮރެއް ހަލާކުވެ އެންމެ އަސާސީ ޚިދުމަތްތައް ދިނުމަށް ވަނީ ބުރުއަރާފައެވެ. އަދި ނުރައްކާތެރި ބަލިތައް ފެތުރުމުގެ ބިރު ވަނީ ހީވެފައެވެ.

2022 ވަނަ އަހަރު އެގައުމަށް ކުރިމަތިވި އިގްތިޞާދީ ކާރިސާއިން ރަނގަޅަށް އަރައިނުގެނެވި އުޅެނިކޮށް ލަންކާއަށް މިއެރި ތޫފާން ދިތުވާއާއެކު އެގައުމަށް އިގްތިޞާދީ އިތުރު ދަތިތަކާ ކުރިމަތިވާނެއެވެ. ވޯރލްޑް ބޭންކުން މިއަހަރު އާންމުކޮށްފައިވާ ރިޕޯޓްގައި ވާގޮތުން 2019 ވަނަ އަހަރުން ފެށިގެން ލަންކާގެ ފަގީރުކަމުގެ ހާލަތު ވަނީ ދެގުނަވެފައެވެ.