ގައުމަށް ގެނެވޭ އިސްލާހީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފަސްޓް ލޭޑީ ސާޖިދާގެ ވާހަކަފުޅުގައި ވަނީ ޝާމިލު މުޖުތަމައެއް ބިނާކުރުން ފަދަ ކަންކަމުގައި ގައުމަށް ގެނެވޭ އިސްލާހީ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހީންގެ ކިބައިގައިވާ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ސިފަތަކާއި ޝުއޫރުތައް ހިތްމައްޗަށް ގެނެސް، އެ ގޮތުގައި ގައުމާއިގެން ކުރިއަށްދިއުމަކީ، މުސްތަގްބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެކަމަނާ ވިދާޅުވި އެވެ.
މީގެއިތުރުން، އަމިއްލަ މަސައްކަތުން އަމިއްލަ އަސާސީ ކަންކަން ފުއްދުމުގެ ޝަރަފުވެރި ފުރުސަތަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މުޅި ދިރިއުޅުމަށް ހެޔޮ ބަދަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެކަމެއް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުން އެފަދަ ފަރާތްތަކަށް އިހުސާންތެރި ނަޒަރަކުން ބައްލަވައި، އެ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދެއްވާކަމުގައި އެކަމަނާ ފާހަގަކުރެއްވި އެވެ.
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ މިއަދު ރާއްޖެ މިސްރާބުވެފައިވަނީ، އެންމެން ބައިވެރިވާ، އެކަކުވެސް ބާކީ ނުވާ މުޖުތަމައެއް ބިނާކޮށް، ހުރިހާ މާނައެއްގައި ދިވެހީންގެ ގައުމެއް ބިނާކުރުމާ ދިމާއަށްކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، އެޗްޑީސީގެ ވަޒީފާއާ ގުޅުނު، ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ. އަދި މި ރަސްމިއްޔާތުގައި ވަނީ، އެޗްޑީސީގެ ވެބްސައިޓްގެ އެކްސެސިބިލިޓީ ފީޗަރއެއް ކަމަށްވާ، އޭއައި ބޮޓް "މިތުރު" ތައާރަފުކުރައްވާފަ އެވެ. އެ ބޮޓް މެދުވެރިކޮށް ވެބްސައިޓްގެ ތަޖުރިބާ މުއްސަނދިވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެ އެވެ.