ރައީސް ޑރ މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މިއަދު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު "ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމް.ޑީ.ބީ.) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެން، ދެމެހެއްޓެނިވި ތަރައްގީއަށާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަލުވިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ "ޑެޓް-ފޮރ-ކްލައިމެޓް" އަދި "ޑެޓް-ފޮރ-ނޭޗަރ" މަޝްރޫއު ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ މަރުކަޒުތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

އެގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.