މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގައި މިއަދު ކުރިއަށްދިޔަ އަންހެން ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލް މެޗުތަކަށްފަހު ރާއްޖޭގެ އައިޝަތު ނަހުފާ އާއި އައިޝަތު ފައިނާޒްގެ ޕެއާ ބްރޯންޒް މެޑަލް މެޗުގައި ވާދަކުރަން ޖެހިއްޖެ އެވެ.

އަންހެން ޑަބަލްސް އިވެންޓުގައި ނަހުފާ އާއި ފައިނާޒްގެ ޕެއާ ސެމީ ފައިނަލުން ބަލި
އަންހެން ޑަބަލްސް އިވެންޓުގައި ނަހުފާ އާއި ފައިނާޒްގެ ޕެއާ ސެމީ ފައިނަލުން ބަލި

ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ ޕެއާ ބަލިވީ އިންޑިއާގެ ހާޒިމާ އާއި މިތުރާގެ ޕެއާ އަތުންނެވެ. މި މެޗުން އިންޑިއާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުން އިންޑިއާގެ ޕެއާ 25-09 އިން މޮޅުވިއިރު، ދެވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރުގަދަ ކުޅުމަށްފަހު، އިންޑިއާގެ ޕެއާ ފަހު ސެޓުން ކުރިހޯދީ 18-13 އިންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގައި ރާއްޖެއިން ދެން ވާދަކުރި އައިމިނަތު ވިދާދު އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ކުއާޓަރ ފައިނަލުގައި ނާކާމިޔާބުވީ އެމެރިކާގެ ޕެއާ އަތުން ބަލިވުމުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުން އެމެރިކާގެ ޕްރިތީ ޖަކޯޓިއާ އާއި ތޭޖަސްވީ ޑުޑުކާގެ ޕެއާ 18-17 އިން ކުރިހޯދާފައިވަނިކޮށް، ރާއްޖޭގެ ވިދާދް އާއި ރަޔާނާގެ ޕެއާ ވަނީ ދެން ޖެހިގެންއައި ސެޓުން 18-17 އިން މޮޅުވެފަ އެވެ. އެކަމަކު، ދެން ޖެހިގެންއައި ސެޓުގައި އެމެރިކާގެ ޕެއާ މޮޅުވީ 22-08 އިންނެވެ.

މިފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި 17 ގައުމަކުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ.

މިފަހަރުގެ މުބާރާތަކީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމު އިވެންޓުން ބްރޯންޒް މެޑަލް ހާސިލްކޮށްފަ އެވެ.