ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމަށް ގ.އާބިން، ޑޮކްޓަރ އާއިޝަތު ރަމީލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފި އެވެ.
މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޑޮކްޓަރ ރަމީލާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.
ޑރ ރަމީލާއަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ މުހައްމަދު އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ޑރ ރަމީލާއާ ހަވާލުކޮށް ދެއްވާފަ އެވެ.
ޑރ ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރެވެ. އެ މަގާމުން ރަމީލާ އިސްތިއުފާދެއްވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެއްވުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.
ޑރ ރަމީލާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަގާމު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮ ހެލްތު އެންޑް ފެމެލީގެ މަގާމުވެސް އަދާކުރައްވާފަ އެވެ.ޑރ ރަމީލާ ޕީއެޗްޑީ ހާސިލްކުރެއްވީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގެ ޔުނިވާސިޓީއަކުންނެވެ.