ބޯވަދިލަ މަސްހެން ޕާޓީ ބަދަލު ކުރާ ސިޔާސީ މުސްކުޅިންނަށް ޖަޕާނުގައި ދިރިއުޅެން ފުރުސަތު ދޭން ނުޖެހޭކަމަށް ވިދާޅުވެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް، އަހުމަދު މަހުލޫފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަހްލޫފު ނޮވެމްބަރު މަހުގެ ތެރޭގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ސޮއި ކުރައްވާފައިވެ އެވެ. އެއާއެކު ޖަޕާނުގައި ހުންނަވާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަހްލޫފުގެ ނަން މަޖިލީހަށް ފޮނުއްވި އެވެ.

ކޮމިޓީއިން މަހްލޫފުގެ ނަން ދިރާސާކުރައްވައި ތަޅުމަށް ފޮނުއްވުމުން އެކަމަށް ބަހުސް ކުރައްވައި އައްބާސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހުތުރުކުރައްވަނީ މަހްލޫފު މެންފަދަ އެއް ޕާޓީއިން އަނެއް ޕާޓީއަށް ބަދަލު ކުރައްވާ ސިޔާސީ މުސްކުޅީން ކަމަށެވެ. ގައުމުތަކަށް ސަފީރުން އައްޔަން ކުރައްވަން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އެގޮތަށް އައްޔަން ކުރައްވަން ޖެހޭނީ ނަޒާހާތްތެރި ބޭފުޅުންކަމަށް ވިދާޅުވި އެވެ.

އެއިރެއްގައި ވެރިކަމެއްގައި އާރާއި ބާރު އޮންނަ ޕާޓީއަށް ބޯވަދިލަ މަހެއް ހެން ދުވާ ބޭފުޅުން ގެނެސް ގައުމު ތަމްސީލުކުރަން ކުރިއަރާފައި ތިބޭ ގައުމުތަކުގެ މަލަމައްޗަށް ރާއްޖެ ތަމްސީލުކުރަން ބޭތިއްބުމަކީ އެއްގޮތަކަށް ވެސް ސިކުނޑި ގަބޫލުކުރާ ކަމެއް ނޫން

މެމްބަރު އައްބާސް

ވެރިކަމުގައި އޮންނަ ޕާޓީއަށް ސޮއިކުރެއްވުމަކީ އަގުބޮޑު މާވަހަރެއްގެ ގޮތުގައި ޖަޕާނުގެ ސަފީރުކަން ދެއްވައި އަނބިދަރިންނާއި އާއިލާއަށް އެގައުމުގައި އުޅެވޭ ގޮތް ހިލޭ ހަދައިދިނުމަކީ ގައުމަށް އަދި ރައްޔިތުންނަށް ވެސް ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވި އެވެ. ކިޔަވައިގެން ތިބި ކުދިންނަށް ވަޒީފާ ނުދީ މިފަދަ ސިޔާސީގޮތުން މުސްކުޅި ބޭފުޅުންނަށް ވަޒީފާ ދިނުމާމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައި މިފަދަ ސިޔާސީ ބޭފުޅުން އެއް ޕާޓީއިން އަނެއް ޕާޓީއަށް ބަދަލުކުރާ އުސޫލު ނައްތާލަން ވެއްޖެ ކަމަށް އައްބާސްް ވިދާޅުވި އެވެ.

ޕާޓީ ބަދަލުކުރުމުން އަމާޒުވާ ފާޑުކިޔުންތަކަށް މަހްލޫފް ވިދާޅުވީ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވި ފުރަތަމަ ފަހަރަކީ މިއީ ކަމަށެވެ. އަދި ޕީއެންސީއަށް ސޮއިކުރުމަކީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް އަނބުރާ އައުން ކަމަށާއި ބަދަލުވެފައި އޮތީ ހަމައެކަނި ޕާޓީގެ ނަން ކަމަށް މަހްލޫފް ވިދާޅުވި އެވެ.