ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފާއިޒުގެ މައްސަލަތަކެއް ބެލުމަށް ފަހު، އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް އިއްޔެ ބޭއްވީ ޖުޑިޝަރީ ކޮމެޓީން ނިންމާފައި ވަނީ ޖޭއެސްސީން ފާއިޒު ވަކިކުރަން ނިންމީ ހުރިހާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.

ކޮމެޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު މިއަދު މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި ވަނީ ވޯޓަށް އަހައިފައެވެ. ފާއިޒު ފަނޑިޔާރު ކަމުން ވަކިކުރަން ފެންނަ ކަމަށް 56 މެންބަރުން ވަނީ ވޯޓު ދީފައެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރެކެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުން ފާއިޒު ވަކިކުރަން ފާސްވުމުން، އޭނާ ފަނޑިޔާރުކަމުން ވަކިވެފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުالله ވަނީ އިއުލާނު ކުރައްވައިފައެވެ.

ފާއިޒުގެ މައްޗަށް ތުހުމަތުކުރަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި މީހެއްގައި ބަންދާ މެދު ގޮތް ކަނޑައެޅުމުގައި ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް އަމަލު ކުރުމެވެ.