ދިވެހީންގެ ރާއްޖެއަށް ބިނާކޮށްދެއްވުމަށް މަޖިލިސް މެމްބަރުން ނެރެދެއްވާ ނަތީޖާތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޝުކުރު ދަންނަވައިފި އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ނިންމަވާލައްވައި ރިޔާސަތުގައި އިންނަވާ ވާހަކަ ފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެއްވާ ވަގުތަށާއި މެމްބަރުންގެ އެކުވެރިކަމާއި އެއްބައްވަންތަކަމާއެކު ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މި އަހަރުގެ ޖަލްސާތައް ނިންމަވާލައްވައި މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވާއިރު ހުރިހާ މެމްބަރުން ވެސް ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އަދި ޗުއްޓީ ނިންމަވައި ހުރިހާ މެމްބަރުން ވެސް ވަޑައިގަންނަވަން ވާނީ އާ ވިސްނުމާއި ހިޔާލުތަކާއެކު ކަމަށާއި އަންނަ އަހަރުފގެ މަޖިލީހުގެ ޖަލްސާތަކުގައި އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކީ ކަމަށާއި ސިޔާސީ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކުރައްވަން ވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތަށް ރިޔާސަތުން ވެސް އެއްބާރުލުން ދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގައި 28 ޖަލްސާ އެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މަޖިލީހުގެ ތަޅުމުގައި 64 ގަޑިއިރު މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި 142 ކޮމިޓީ ބައްދަލުވުމެއްގައި 120 ގަޑިއިރު މެމްބަރުން މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ މި ދައުރުގައި މަޖިލީހުގެ ތަޅުމުން 15 ބިލެއް ފާސްކޮށްފައިވެ އެވެ. މީގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނަށް ގެނައި އިސްލާހު، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނައި އިސްލާހު، ޓެރޭޑްމާކުގެ ބިލު، ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު، ޖަނަވާރު ގެންގުޅުމާއި ޖަނަވާރު ރައްކާތެރިކުރުމުގެ ބިލު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ގެނައި އިސްލާހު، އިދާރީ ދާއިރާތައް ލާމަރުކަޒީތައް އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ގެނެވުނު އިސްލާހު، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނަށް ގެނައި އިސްލާހު އަދި ޒަކާތުގެ ބިލު ހިމެނެ އެވެ.
މަޖިލީހުގެ ތަޅުމުގައި 29 ސުވާލު އެކި މިނިސްޓަރުންނާއި މި ދައުރުގައި ކުރައްވާފައިވެ އެވެ. އަދި ސަރުކާރުން ހުށަހެޅި 16 މައްސަލައަކާއި ރިޔާސަތުން ހުށަހެޅި 9 މައްސަލައެއްގެ މަސައްކަތް ނިންމާފައިވެ އެވެ.
މީގެ އިތުރުން، ސިވިލް ސޮސިއޓީ ޕާލިމަންޓް ފޯރަމާއި 19 ސްކޫލް، 2 ކޮލެޖާއި 1 ޔުނިވާސިޓީއިން 3238 ދަރިވަރުންނާއި 179 މުދައްރިސުން މަޖިލީހުގެ މަސައްކަތްތައް ބަލައިލުމަށް އައިސްފައިވާކަން ފާހަގަކުރެއްވި އެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ ފަސް ސްކޫލެއް ހިމެނޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

