ހެލްތު ސެޓްފިކެޓާ ނުލައި ކާބޯތަކެތީގެ ޝިޕްމަންޓްތަކަކަށް ކްލިއަރެންސް ދިނުމުގެ ތުހުމަތުގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދެ މުވައްޒަފެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފިއެވެ.

މި ދެ މުވައްޒަފުންނަކީ ޕޯޓް ކްލިއަރެންސްގައި މަސައްކަތް ކުރާ އެމްއެފްޑީއޭގެ ފީލްޑް އޮފިސަރުންނެވެ.

ޕީޖީ އޮފީހުން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ދައުވާކުރަނީ ދަފްތަރު ރސ 9244، އަޙްމަދު ހާޝިމް އާއި ގދ. ތިނަދޫ، ޢަރަފާތު، އަޙްމަދު ޒާހިިރު ގެ މައްޗަށެވެ. މި ދެ މުވައްޒަފުންގެ މައްޗަށް ތުހުމަތުކުރެވޭ ގޮތުގައި، މިއަހަރުގެ މާޗު މަހުގެ ތެރޭގައި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި، ވައިގެ މަގުން އައި ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ވަނީ ކްލިއަރެންސް ދީފައެވެ.

މި ދެ މުވައްޒަފުންގެ މައްޗަށް ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާއެވެ. ޕީޖީ އޮފީހުގެ ބަޔާނުގައިވާ ގޮތުން، މި ކުށުގެ ކޮންމެ ދަޢުވާއަކަށް ހަތަރު މަހާއި 24 ދުވަހުގެ އަދަބެއް ކަނޑައެޅިދާނެއެވެ.

އެހެންކަމުން، މި ތިން ދައުވާވެސް ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށް އެއް އަހަރާއި ދެމަހާއި 12 ދުވަހުގެ ހުކުމެއް އަންނާނެއެވެދައުވާ ލިބޭ މީހުންގެ ފަރާތުން ވަނީ ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދި ހުށަހަޅާފައެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ އެ އެދުން ބަލައިނުގަތުމަށް ނިންމާފައެވެ. އެ އޮފީހުން ބުނީ މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ޢާންމު މަސްލަޙަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާ ކަމަށެވެ.