ޕާކިން ޖާގަ ކުއްޔަށް ނެގުމަށް ޝަރުތުހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން 17 ސެޕްޓެމްބަރ 2024 ގައި ކޮށްފައިވާ އިއުލާން އާއި ހަވާލާ ދީ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ "ޕޮކެޓް ޕާކިން" ޒޯނު ތަކުން ޕާކު ކުރާނެ ޖާގަ ކުއްޔަށް ހިފުމަށް އެދި ހުށަހަޅާފައިވާ ފޯމުތަށް ރިވިއުކުރުމުގެ މަރުހަލާ ނިމުމަކަށް ގެނެސްފައިވާކަމަށާއި ޕާކިން ޖާގަ ކުއްޔަށް ނެގުމަށް ޝަރުތުހަމަވާ މީހުންގެ ލިސްޓު އާންމުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
އެގޮތުން، ހަވާލާދީފައިވާ އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މައުލޫމާތު ކަރުދާހުގެ 2.4 ވަނަ މާއްދާގައި ވާގޮތުން ފޯމު ހުށަހަޅާ މީހަކީ އެޗްޑީސީ އަށް އެއްވެސް ފައިސާއެއް ދައްކަންޖެހި، އެ ފައިސާ ނުދައްކައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.
އެހެންކަމުން 11 ޑިސެމްބަރ 2025 ގެ ކުރިން އެޗްޑީސީ އަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ވާނަނަމަ ފޯމުލީ މީހުން އެ ފައިސާ ދެއްކުމަށް އެޗްޑީސީ އިން އިލްތިމާސްކޮށްފައިވެއެވެ. އަދި އެ ފައިސާ ދައްކަން ދެވިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، މައުލޫމާތު ކަރުދާހުގެ 2.4 ވަނަ މާއްދާގެ ދަށުން ޝަރުތުހަމަނުވާތީ އެ މީހުންގެ ފޯމު ބާތިލުކުރާނެކަމަށް އެޗްޑީސީ އިން ފާހަގަކޮށްފައިވެއެވެ.