ސަރުކާރު ސުކޫލްތަކުގެ ރަސްމީ ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމަށް، 2027އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުތަކާއެކު، ޔުނިފޯމް ހޯދުމަށް ފަސޭހަ ވާނެކަމަށް ތަޢުލީމީ ވުޒާރާއިން ބުނެފިއެވެ.
2027 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު އެ ބަދަލުތައް ގެންނަން ނިންމާފައިވަނީ ސްކޫލްތަކުގެ އިސްވެރިންނާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުގައި ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެފައިވެއެވެ.
ތަޢުލީމީ ވުޒާރާއިން ބުނީ ޔުނީފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެ ވުޒާރާގެ ކުލައާއި ގައުމީ ދިދައިގެ ކުލަތަކަށް ނިސްބަތްވާ ގޮތަށްކަމަށެވެ. އަދި ފަޓުލޫނު ގަދަ ކުލައެއްގައި ބެހެއްޓުމަށް ކަމަށެވެ. މި ބަދަލާއެކު ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެތް ނެތް ކަޅު ކުލައިގެ ޓްރެކްސޫޓް ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.
ތަޢުލީމީ ވުޒާރާއިން މިހާރު ވަނީ ޔުނިފޯމަށް ގެންނަ ބަދަލާ ގުޅޭ އުސޫލެއް އެކުލަވާލާ ސްކޫލްތަކަށް ފޮނުވާފައެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާނީ 2027ގެ ދިރާސީ އަހަރުން ފެށިގެން ކަމަށާއި ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލަކުން ވެސް އެ އުސޫލާ އެއްގޮތަށް ޔުނިފޯމު ބަދަލުކޮށް ނިންމުމަށް ތަޢުލީމީ ވުޒާރާއިން ވަނީ އަންގާފައެވެ.
އެ އުސޫލުގައި ބުނެފައިވަނީ ސްކޫލްތަކުގައި ބޭނުންކުރާ ރަސްމީ ޔުނީފޯމުތަކުގެ މަތި(ގަމީސްޓޮޕް/ގަމީސް) ހުންނަންވާނީ ހުދު، 'ސްކައި ބްލޫ'، 'ޓީ ގްރީން'ގެ އިތުރުން 'ލައިޓް ރެޑް' ކުލައިގައި ކަމަށެވެ. އަދި ރަސްމީ ޔުނީފޯމުގެ ތިރި (ފަޓްލޫން/ސްކާޓް/ސޯޓު) ހުންނަންވަނީ ކަޅު ނުވަތަ ނޭވީ ބްލޫގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައި ކަމަށް އުސޫލުގައިވެއެވެ. ސްކޫލްތަކުގައި ރަސްމީ ޔުނީފޯމާއެކު ބޭނުންކުރާ ބުރުގާ ހުންނަން ވާނީ ނޭވީ ބްލޫ ނުވަތަ ރޯޔަލް ގްރީން ނުވަތަ ޑާކް ރެޑް ނުވަތަ ހުދު ކުލައިގައެވެ.
މީގެއިތުރުން ވެސް ބައިަވަރު ބަދަލުތަކެއް ވަނީ ޔުނީފޯމް އެޅުމަށް ގެނެސްފައެވެ.