މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

އެގޮތުން މިފަހަރު ތަރައްގީކުރަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެއީ އެ ހިސާބުގެ މަގު ފުޅާކޮށް، ތާރު އަޅުމުގެ މަސައްކަތެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއު ކުރިޔަށް ގެންދަން ބޭނުންވަނީ، އާންމުންގެ އުއްމީދުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން މިހާރު ވަނީ މި މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައެވެ.

އާންމުން ދެކޭ ގޮތް ހޯދުމަށް ކުރިއަށް ގެންދާ ސާވޭގައި އޮޅުންފިލުވަނީ، މަސައްކަތުން ލިބޭނެ ފައިދާ އާއި މަގު ބަންދުކުރުމުން ދިމާވެދާނެ، ދަތިތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކަނީ ކޮބައިތޯވެ. އަދި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދު ބޭނުންކުރަނީ ކޮން ބޭނުމެއްގައިތޯ ވެސް އެމްޓީސީސީން އޮޅުން ފިލުވައެވެ.

މި މަޝްރޫއަށް 144 މިލިއަން ރުފިޔާ ޚަރަދުވާއިރު، މަސައްކަތް އެއްކޮށް ނިންމާލުމަށް 455 ދުވަސް ހޭދަވާނެއެވެ. އެކި ބައި ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ދާތީ މިދިޔަ އޮގަސްޓް މަހުގެ މެދަކާ ހިސާބުން ފެށިގެން މާރުކޭޓު މަގުގެ އެއްބައި ވަނީ ބަންދުކޮށްފައެވެ.