ފުލުހުންގެ ތަހުގީގު އެމީހަކާހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް އިސްތިސްނާއެއް ނޯންނާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގު ގައި ޑިސެމްބަރ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީ ގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯރކެއްގެ އިސްފަރާތްތައް ފުލުހުން ހައްޔަރުކުރިކަން ހާމަކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ. އިހުސާންގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ހިންގަމުންދާ މި ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާރގެޓްކުރެވިގެންދާނެކަމަށެވެ.

އަދި ތަހުގީގު އެމީހަކާ އަރާ ހަމަކުރުމުން ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅުކަމަށް އިހުސާން ވިދާޅުވިއެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހާއަށް އަމާޒުކޮށް، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަން ފަށާފައި ވަނީ މި އަހަރުގެ މާޗު މަހުން ފެށިގެން ކަމަށެވެ.

މި ނެޓްވޯކުގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އަދި ފާއިތުވި ފަސް އަހަރު މި ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މިމީހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންނެއްވެސް އަދި މިނިސްޓަރ އިހުސާންވެސް ހާމައެއްނުކުރައްވައެވެ.

މިނިސްޓަރ ވިދާޅުވީ މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެންކަމުގައެވެ.

އަލިމަގު އޮޕަރޭޝަން ފުލުހުން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ހޯދައިފައެވެ.