2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކުރިއަށް ގެންދާނެ ދުވަހެއްގެ ގޮތުގައި އަންނަ އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަސް ކަނޑައަޅައި އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނެ ކަމަށެވެ.

މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް ވެސް އެ ކޮމިޝަނުން އިއުލާންކޮށްފައިވެ އެވެ. އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ މެންދުރު 3:00 ގެ ކުރިން my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައިވެ އެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް ވަނީ އިއުލާންކޮށްފައެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް[email protected]މެދުވެރިކޮށް ހުށަހެޅުމަސް އެދިފައިވެ އެވެ. އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމަށް ބައެއް ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އަދި އަމިއްލަގޮތުން އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން މިހާރު ކެމްޕެއިން ފަށާފައިވާކަން ފާހަަގަކޮށްލެވެ އެވެ.

2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުތައް ވެގެންދާނީ އަތޮޅު ކައުންސިލްތައް އުވާލުމަށާއި ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ފާސްކުރި ފަހުން ބާއްވާ ފުރަތަމަ އިންތިހާބަށެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެކަން ތަސްދީގުކުރައްވާފައިވާތީ ރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުންނެވެ. އެހެންކަމުން އަންނަ އަހަރު ބާއްވާ އިންތިހާބުގައި އަތޮޅު ކައުންސިލް އިންތިހާބު ކުރުމަށް ވޯޓެއް ނުނަގާނެ އެވެ.

މި އިސްލާހުގައި ބުނެފައިވާ ގޮތުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން ކައުންސިލަރުންނެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ ފަސް ކައުންސިލަރުން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

ތިން ކައުންސިލަރުން އިންތިހާބުކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންޖެހޭނެކަމަށް އިސްލާހުގައި ބަޔާންކޮށްފައިވާއިރު، ފަސް ކައުންސިލަރުން އިންތިހާބުކުރާ ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަކުރަންޖެހޭނީ ދެ ގޮނޑި އެވެ.

މީގެއިތުރުން، މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ، ކައުންސިލްގެ މޭޔަރުގެ އިތުރުން، މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުންގެ މައްޗަށެވެ. ފުވައްމުލަކު ސިޓީ ކައުންސިލު އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، 8 އަވަށުން ކޮންމެ އަވަށަކަށް 1 ގޮނޑީގެ ނިސްބަތުން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.

ސިޓީ ކައުންސިލްގެ އިންތިހާބުތަކުގައި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލުގެ ދަށުން ކަމަށް މި އިސްލާހުގައިވެ އެވެ.

މި އިސްލާހާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވާ ގޮތަށްވެސް ވަނީ ބަދަލުތަކެއް ގެނެވިފަ އެވެ. އެގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ ރައްޔިތުން އިންތިހާބުކުރާ ފަރާތެއްކަމަށާއި، އަދި އަންހެނުންގެ ކޮމިޓީގެ ރައީސަކީ، ފުލްޓައިމް މެންބަރެއްކަމުގައި ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރު ހިމެނުމަށްވެސް ވަނީ ކަނޑައަޅުއްވާފަ އެވެ.

މީގެއިތުރުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އީސީގައި ދަފުތަރުވުން ނުވަތަ، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އީސީގައި ދަފުތަރުވުން ނުވަތަ، އަމިއްލަ ގޮތުން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހުބުވި ދައުރުގެ ތެރޭގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ކޮމިޝަނުގައި ދަފުތަރުވެއްޖެ ނަމަ، ކައުންސިލްގެ މެންބަރުން މަގާމުން ވަކިވާނެ އެވެ.